މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އދ.އާ ގުޅިގެން މަސައްކަތްކުރަނީ
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ދިވެހިރާއްޖެއާއި އދ. ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޝް މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.)ގެ އާންމު މަޖިލީހުގެ 81ވަނަ ދައުރުގެ ހަވާސާގެ ތެރެއިން، މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް އުފުލަންޖެހިފައިވާ ތަކުލީފުތަކުގެ މައްޗަށެވެ. އެގޮތުން، ބައިނަލްއަޤުވާމީ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި ދިވެހި ސަރުކާރާ އެކު ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ދެފަރާތުން ގުޅިގެން ކުރިމަގުގައި މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާމެދު ވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.
ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީގެ ކުރިން އދ.ގެ އެންމެ އިސްވެރިޔާއާ އެކު ޚާއްޞަ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އިދާރާތަކުގެ މަދަދު ބޭނުންވާކަން ފާހަގަކުރައްވައި، އެ ޤައުމުތަކުގެ ޙައްޤުގައި އދ. އިން ވަކާލާތުކޮށްދެއްވާތީ ރައީސް ވަނީ އެ ޖަމްޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، ދުނިޔޭގެ މަސްރަޙުގައި މިވަގުތު ހިނގަމުންދާ އެންމެ ނާޒުކު މައްސަލަތަކަށް ވެސް ނައިބު ރައީސްއާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަ ގޮތެއްގައި، ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.