ޚަބަރު

ބޮޑުތަކުރުފާނު މަގު ޒަމާނީކުރުން: ވެސްޓްޕާކް ސަރަހައްދުގައި ފެންހިންދާ ނިޒާމު ހަދަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ވެސްޓްޕާކް ސަރަހައްދުގައި ފެންހިންދާ ނިޒާމު ހަދަން ފެށުން / ފޮޓޯ: ޕީއެސްއެމް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، އެ ސަރަހައްދުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ އެ ސަރަހައްދުގެ އެއް ލޭނު އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ފެންހިންދާ ހޮޅިތައް ވަޅުލުމަށް ފަހު ދެން ކުރިއަށްދާނީ މުޅި ސަރަހައްދު އެއްކޮށް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ.

މި ފިޔަވަހީގެ މަސައްކަތް ނިމުމުން، ދެން އެންމެ އަވަހަށް އަމަލީ ސިފަ އަންނާނީ އެމްޕީއެލް އިން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައި ތަރައްޤީކުރުމަށެވެ. އެމްޕީއެލް ސަރަހައްދަކީ މުދާ އުފުލާ ބަރު އުޅަނދުތައް ގިނައިން ބޭނުންކުރާ ސަރަހައްދަކަށް ވެފައި، މަގު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުގެ ސަބަބުން ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލުމެވެ.

ބޮޑުތަކުރުފާނު މަގު އަލުން ހެދުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރުއަޅައިގެން ނިންމާފައެވެ. ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް ފުޅާކޮށްފައިވާ މި 1.145 ކިލޯމީޓަރުގެ ސަރަހައްދުގައި ފެންހިންދާ ނިޒާމާއި، ފުޅާ ދުވާރުގެ އިތުރުން 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ހަދާފައިވެއެވެ. މީގެ ސަބަބުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު ވެސް އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް މުޅިން އާ ފެންވަރަކަށް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.