ޚަބަރު

އަމީނީ މަގުގެ ފުރަތަމަ ފިޔަވަހީގައި ތާރުއަޅައި އެއްކޮށް ނިންމާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ),

މާލޭގެ މައި އެއް މަގު ކަމަށްވާ އަމީނީ މަގު މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ފިޔަވަހީގައި ދެ ފަށަލައަށް ތާރުއަޅައި އެއްކޮށް ނިންމާލައިފިއެވެ.

މި މަހުގެ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން ތާރުގެ ފުރަތަމަ ލޭޔަރު އަޅާފައިވާއިރު، އިއްޔެ ވަނީ ދެވަނަ ލޭޔަރު އެޅުމުގެ މަސައްކަތް ފަށާފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ތާރުއެޅުމުގެ މަރުޙަލާ މުޅިން ނިމިފައިވުމާ އެކު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަގުގައި ކުރަހަންޖެހޭ ނިޝާންތަކާއި ކުރެހުންތައް ހެދުމުގެ ފަހުގެ މަސައްކަތްތަކެވެ.

ބައިބަޔަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގައި ހިމެނެނީ ޢިއްޒުއްދީން މަގު ގުޅޭ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށެވެ. މި ސަރަޙައްދުގެ މަސައްކަތް އެއްކޮށް ފުރިހަމަކުރުމަށް ފަހު، ދެން އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ދެވަނަ ސެގްމަންޓްގައެވެ.

މީގެ ކުރިން ވެސް ތާރުއަޅައިގެން ހަދާފައިވާ އަމީނީ މަގުގެ ބައެއް ސަރަޙައްދުތައް ހަލާކުވުމުގެ ސަބަބުން، އަލުން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ފަންނީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ކުރިން އެޅި ތާރުގަނޑު އަވަހަށް ހަލާކުވާން މެދުވެރިވީ ތާރު ރަނގަޅަށް ހިކުމުގެ ކުރިން ބަސް ފަދަ ބަރު އުޅަނދުފަހަރަށް މަގު ބޭނުންކުރަން ހުޅުވާލުމުންނެވެ. އަދި ރާއްޖެއަށް އާދަޔާޚިލާފަށް ހޫނުގަދަވުމަކީ ވެސް ތާރުގަނޑުގެ ފެންވަރަށް ނޭދެވޭ އަސަރުކުރި ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.