ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އެކަކު ހައްޔަރަށް
މިމަހުގެ 21ވަނަ ދުވަހުގެ ރޭ ސޯސަންމަގުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި މިމަހުގެ 22ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށެވެ. އޭނާ އަތުގައި ލައިސެންސް ނޯންނަކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި އެކްސިޑެންޓްގައި އެއް ސައިކަލްގެ ފަހަތުގައި އިން 26އަހަރުގެ ދިވެހި އަންހެން މީހާއަށް ވަނީ ވަރަށް ބޮޑެތި ސީރިއަަސް އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް ފަރުވާދެމުން ގެންދަނީ އައިސީޔޫގައެވެ.