ސަރުކާރު

އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ފަލަސްޠީނަށް ދިނުމަށް ރާއްޖެއިން ގޮވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރުކުރައްވަމުން، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އިސްރާއީލުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް އެމަނިކުފާނު ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި 1967ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިމުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ހިމެނޭ، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަން ފާހަގަކުރައްވައި، އަމިއްލަ ވަޒަނެއްގައި ކަރާމާތާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ޙައްޤު އެމީހުންނަށް ލިބެންޖެހޭނެކަން އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ތަޤުރީރުގައި ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްޗަށް ވެސް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ވުޖޫދަށާއި ސިޔާދަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރެއްވިއެވެ. މިއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، މިއީ ޤައުމީ ސަލާމަތާއި ތަރައްޤީއާ ސީދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ބޭނުންވާ މާލީ އެހީތެރިކަން އަވަސް ދުވެއްޔެއްގައި ލިބޭނެ މަގު ތަނަވަސްކުރުމަށް ގޮވާލެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް 2040ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުން އިތުރުކުރަމުންދާކަން އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑަކީ ވިޔަފާރިއާއި އިޤްތިޞާދަށް ފަހި، ސުލްޙަވެރި ސަރަޙައްދެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ބޮޑެތި ޤައުމުތަކުގެ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކުދި ޤައުމުތައް ފިތިގެން ނުދާނެ ނިޒާމެއް އޮތުމަށް ގޮވާލެއްވިއެވެ. ހަމައެއާ އެކު، ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އެކަން ކުށްވެރިކުރެއްވިއެވެ.

މެދުއިރުމަތީގެ ޤައުމުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، ސުލްޙަ ޤާއިމުކުރުމަށް ބައެއް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް ނައިބު ރައީސް ތަޢުރީފުކުރެއްވިއެވެ. ހަމައެހެންމެ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުދި ޤައުމުތަކުގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާ ކުރިއެރުވޭނެކަން ފާހަގަކުރެއްވިއެވެ. ތަޤުރީރު ނިންމަވާލައްވަމުން، އދ.ގެ ސަލާމަތީ މަޖިލީހުގައި ކުދި ޖަޒީރާ ޤައުމުތަކަށާއި އެފްރިކާއަށް ޖާގަދިނުމަށާއި ވީޓޯގެ ބާރު އުވާލުމަށް ގޮވާލެއްވިއެވެ. އަދި އދ.ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސެކްރެޓަރީ ޖެނެރަލަކު ޢައްޔަނުކުރުމަށް ބާރުއަޅުއްވައި، ކުރިއަށް އޮތް އަހަރުތަކުގައި އދ.ގެ މުހިންމު ކައުންސިލްތަކުގެ ގޮނޑިތަކަށް ރާއްޖެއިން ވާދަކުރާނެކަން އިޢުލާނުކުރައްވައި މެންބަރު ޤައުމުތަކުގެ ތާއީދަށް އެދިވަޑައިގަތެވެ.