ޑެސްޓިނޭޝަން ޕްރިންސިޕަލް މުރާޖައާ ކުރަން ނިންމުން މަޓާޓޯއިން ސަރުކާރަށް މަރުހަބާ
ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ބައިނަލްއަޤްވާމީ ޓްރެވަލް ޕާޓްނަރުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އެންމެ ފަހުން ތަޢާރަފުކުރި "ޑެސްޓިނޭޝަން ޕްރިންސިޕަލް ޓީޖީއެސްޓީ" އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މާޓާޓޯ)އިން މަރުޙަބާ ކިޔައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު ޢާމިން ވަނީ މި އުސޫލު ތަންފީޒުކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ޓްރެވަލް އެޖެންޓުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވައި، އެ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ސިނާޢަތުގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އިޖާބަ ދެއްވުމަށް ސަރުކާރުން އިސްނެންގެވި އިސްނެންގެވުމަށް މާޓާޓޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ފާއިތުވި ހަފުތާތަކުގައި މާޓާޓޯއިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިއްސާދާރުންނާ މަޝްވަރާކޮށް، މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިއަށާއި އޮޕަރޭޝަންތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މުޅި ސިނާޢަތް ޝާމިލުވާ ސަރވޭއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
"މިއީ ވަރަށް އެދެވޭ އަދި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. ފަތުރުވެރިކަމުގެ ދާއިރާއަށް އަބަދުވެސް ކުރިއެރުންލިބިފައި ވަނީ ސަރުކާރާއި ސިނާޢަތުގެ ބައިވެރިން ގުޅިގެން، މަޝްވަރާއާއި ބައްދަލުވުންތަކުގެ ތެރެއިން މަސައްކަތް ކުރުމުން. ދައުލަތަށް ލިބޭ އާމްދަނީ ރައްކާތެރިކުރުމާ އެކު، ބައިނަލްއަޤްވާމީ މާރކެޓްތަކުގައި ރާއްޖެއަކީ ވާދަވެރި އަދި އިޝްތިހާރުކުރަން ފަސޭހަ މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރެވޭނެ ހަމަހަމަ އުސޫލެއް އެކުލަވާލުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މާޓާޓޯ އޮތީ ތައްޔާރަށް،" ސެކްރެޓަރީ ޖެނެރަލް ސުޢޫދު ވިދާޅުވިއެވެ.
ހުށަހެޅިފައިވާ އިސްލާޙުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރާއި، މީރާއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންގެ އިތުރުން ބައިނަލްއަޤްވާމީ ޓްރެވަލް ޕާޓްނަރުންނާ އެކު އިތުރު މަޝްވަރާތައް ކުރުމަށް މާޓާޓޯއިން އުއްމީދުކުރެއެވެ.
