ސިޔާސީ ވާދަވެރިން ހައްޔަރުކުރުމުގެ ސިޔާސަތު ނިމުމަކަށް އައިސްފި: މަޙްލޫފް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފް، ރާއްޖޭގައި މިހާރު ފުރިހަމަ ސިޔާސީ ހަމަޖެހުމެއް ގާއިމުކުރެވިފައިވާ ކަމަށާއި، ޚިޔާލުފާޅުކުރުމާއި މުޒާހަރާކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް އަދަބުދީ ޖަލަށްލަމުން ނުދާކަމަށް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަޙްލޫފް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިއަދު ފެންނަމުންދަނީ ނަމޫނާ ސުލްހަވެރިކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ މަސްރަހު މެނޭޖުކުރައްވަމުން ގެންދަވަނީ ވަރަށް އޮމާންކަމާއި ގާތްކަމާއެކުގައިކަން އޭނާ ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
މިކަމުގެ އަލިގަދަ ހެތްކެއްގެ ގޮތުގައި އޭނާ ނެންގެވީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމެވެ. އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކީ ހޫނު މަރުހަބާއަކީ ސިޔާސީ ވާދަވެރިކަމާ އެކު ވެސް އެކުވެރިކަން އޮތްކަމުގެ ނިޝާނެއްކަމަށް ސަފީރު ސިފަކުރެއްވިއެވެ. އަދި ކުރިން އެމްޑީޕީގެ ކޮންގްރެސްތަކުގެ ތެރެއިން ބޭރުގެ މަންދޫބުން ތިއްބައި ފެނިގެންދިޔަ ހަމަނުޖެހުންތަކަށް ފާޑުވިދާޅުވެ، މިއަދު އެންމެން ގުޅިގެން ވެރިކަމެއް ވައްޓާލަން މަސައްކަތްކުރަންޖެހޭ ފަދަ ހާލަތެއް ނެތްކަން އޭނާ ބަޔާންކުރެއްވިއެވެ.
މާޒީގައި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ޖަލުގެ ގޮޅިތަކުން ޖާގަ ހޯއްދަވަން ޖެހިވަޑައިގަތް މަހްލޫފް ވިދާޅުވީ، މިއަދު ސުލްހަވެރިކަމާ އެކު މުޒާހަރާކުރުމުގެ ފުރުސަތު ސަރުކާރުން ވަރަށް ފުޅާކޮށްދީފައިވާ ކަމަށެވެ. އެގޮތުން މުޒާހަރާކުރުމަށް ޚާއްސަ އިތުރު ސަރަޙައްދުތަކެއް ވެސް ސަރުކާރުން ކަނޑައަޅައިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މުޒާހަރާއެއްގައި ބައިވެރިވުމަކީ ދައުވާކޮށް ޖަލަށްލެވޭނެ ސަބަބެއް ނޫންކަމަށާއި، ފިޔަވަޅު އަޅަނީ ހަމައެކަނި ފުލުހުންނަށް ހަމަލާދިނުން ފަދަ އިންތަކުން ބޭރުވާ ހާލަތްތަކުގައި އެކަނިކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މީގެކުރިން، މުޒާހަރާތަކުގެ ތެރެއިން އެއްފަހަރާ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް ޖަލަށްލާފައިވާކަން ހަނދާންކޮށްދެއްވަމުން މަހްލޫފް ވިދާޅުވީ، މިއަދުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަންކަން ހަނދާންނައްތާލާފައިވާ ކަމަށެވެ. މިއާ އެކު، ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކު ހައްޔަރުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވި ދުވަހު ވެވަޑައިގެންނެވި ވައުދުފުޅު ފުރިހަމައަށް ތަންފީޒުވަމުންދާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
