ޚަބަރު

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކާ މައްސަލައިގައި 4 ބިދޭސީއަކާއި ދިވެއްސެއްގެ ތަހްގީގު ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކާ މައްސަލައިގައި 4 ބިދޭސީއަކާއި ދިވެއްސެއްގެ ތަހްގީގު ފަށައިފިއެވެ.

ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި ބޭންކިންގގެ ޚިދުމަތް ދިނުމާއި ބޭރު ފައިސާގެ ވިޔަފާރި ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ޓާސްކް ފޯހަކުން ބަލައި ފާސްކުރުމުގެ ބޮޑު ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން އިސްނަގައިގެން ހިންގި މި އޮޕަރޭޝަނުގެ ދަށުން ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން، ބިދޭސީން ދިރިއުޅޭ ކޮޓަރިއަކާއި ވިޔަފާރިކުރާ ފިހާރައެއް ފާސްކޮށްފައިވާއިރު، މި ކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު ބިދޭސީއަކާއި ދިވެއްސެއްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ކަޅު ބާޒާރުގައި އިންތިހާއަށް އަގު ބޮޑުކޮށް ޑޮލަރު ގަނެވިއްކުމުގެ ނާޖާއިޒު ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފަހަކަށް އައިސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން މީގެ ކުރިން ވެސް މިފަދަ ޢަމަލުތައް ހިންގި ބައެއް ބިދޭސީން ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން ޢާއްމުކޮށްފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޤާނޫނާއި ބޭރު ފައިސާއާ ބެހޭ ޤާނޫނުތައް ތަންފީޒުކުރުމަށް ސަރުކާރުން މިހާރު ވަނީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ. މާޒީގައި މި ޤާނޫނުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވިފައި ނެތް ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ މިފަދަ ޣައިރު ޤާނޫނީ ވިޔަފާރިތައް ހުއްޓުވުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފިޔަވަޅުއަޅާނެކަން އިޢުލާނުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް ވެސް، ޤާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރަމުންދިޔަ ބައެއް ތަންތަން ބަންދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

Ads by Ooredoo