ޚަބަރު

ބަކަރާގެ 72 މިލިއަން ޑޮލަރުގެ ރަށްތައް ވިއްކަން ހުޅުވާލައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން

ރާއްޖޭގެ ލަގްޒަރީ ރިއަލް އެސްޓޭޓް މާކެޓަށް މުޅިން އައު ކޮންސެޕްޓެއް ތަޢާރަފުކުރަމުން، ޑިޖިޓަލް ފައިސާއިން (ކްރިޕްޓޯއިން) އެކަނި ގަނެވޭ ގޮތަށް 72 މިލިއަން ޑޮލަރުގެ ޕްރައިވެޓް އައިލެންޑެއް ބަކަރާ މޯލްޑިވްސްއިން ބާޒާރަށް ނެރެފިއެވެ.

ބަކަރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނުގައި އޮންނަ މި ވަކި ރަށުގައި، ފުރިހަމައަށް ފަރުމާކޮށް ހިފާގެންގުޅޭ ތަކެތި ހަމަކޮށްފައިވާ 4 ވިލާ ހުރެއެވެ. މިއިން ކޮންމެ ވިލާއެއްގައި 4 ކޮޓަރިއާއި، 65 ފޫޓުގެ ޕްރައިވެޓް ސްވިމިންގ ޕޫލަކާއި، ޖިމެއްގެ އިތުރުން ޔޯގާ ޕެވިލިއަން ހިމެނެއެވެ. އަދި މި ރަށަށް ޚާއްޞަ ބީޗަކާއި ފަރެއް އޮންނައިރު، ރައްކާތެރިކަން ބެލެހެއްޓުމަށް ޚާއްޞަ ސެކިއުރިޓީ ޓީމަކާއި މުވައްޒަފުން 24 ގަޑިއިރު ހަރަކާތްތެރިވާނެއެވެ.

މި ހަތަރު ވިލާ ހިމެނޭގޮތަށް މުޅި ރަށް އެކުއެކީގައި ވިއްކާލަން ހަމަޖެހިފައި ވަނީ 72 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެއީ ވިލާއަކަށް 18 މިލިއަން ޑޮލަރެވެ.

މި ޕްރޮޕަޓީ ވިއްކުމުގެ ކަންކަން ކުރިއަށްގެންދަނީ ކްރިޕްޓޯކަރަންސީ ގެންގުޅޭ ފަރާތްތަކަށް ޚާއްޞަ ޕްރައިވެޓް ކްލަބެއް ކަމަށްވާ "ކޯން" މެދުވެރިކޮށެވެ. މިތަން ގަންނަ ފަރާތްތަކަށް ޑޮލަރުގެ އަގާ އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ ކްރިޕްޓޯއެއް ކަމަށްވާ 'ސްޓޭބަލްކޮއިން'  ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"ކޯން"ގެ ފައުންޑަރު ކްރިސް ސްޕަޑަފޯރާ ވިދާޅުވިގޮތުގައި، ބަކަރާ މޯލްޑިވްސް ފަދަ މަޝްހޫރު ނަމަކުން ސްޓޭބަލްކޮއިން ބަލައިގަތުމަކީ ޑިޖިޓަލް ފައިސާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ކްރިޕްޓޯ ގެންގުޅޭ ފަރާތްތަކަށް އެހެން ފައިސާއަކަށް މާރުކުރުމުގެ ބަދަލުގައި ސީދާ ޑިޖިޓަލް ފައިސާއިން މުއާމަލާތްކުރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

މުޅި ރަށް ގަންނަން ބޭނުންނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ކޯން" މެދުވެރިކޮށް އެހެން ރެޒިޑެންސްތަކެއް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި 7.3 މިލިއަން ޑޮލަރުގެ 3 ކޮޓަރީގެ ގެތަކާއި، 11.6 މިލިއަން ޑޮލަރުގެ 4 ކޮޓަރީގެ ގެތައް ހިމެނެއެވެ. މިއަށް ވެސް ފައިސާ ދެއްކޭނީ ސްޓޭބަލްކޮއިން އިންނެވެ.

އެޗް.ކޭ.އެސް އިން އާކިޓެކްޗަރަލް ޑިޒައިން ހަދައި 1508 ލަންޑަން އިން އިންޓީރިއާ ފަރުމާކޮށްފައިވާ ބަކަރާ މޯލްޑިވްސްގައި ހޮޓަލަކާއި ޕްރައިވެޓް ރެޒިޑެންސްތަކުގެ އިތުރުން ގޮލްފް ކޯހަކާއި، މެރީނާއެއް އަދި ވެލްނެސް ފެސިލިޓީތަކާއި ރެސްޓޯރެންޓުތައް ހިމެނޭނެއެވެ.

Ads by Ooredoo