ބައި-އިލެކްޝަންގައި 4،429 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބޭ: އީސީ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ޖުމްލަ 4،429 ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ރަސްމީ ރަޖިސްޓަރީ މިހާރު ވަނީ އާންމުކޮށްފައެވެ. މި ލިސްޓު ސަރުކާރުގެ ގެޒެޓުންނާއި، އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން އިންތިހާބު އޮންނަ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 1414އަށް އެސްއެމްއެސް ކޮށްގެން، އަމިއްލަ ފޯނު މެދުވެރިކޮށް ވެސް ވޯޓުލާ ތަން ޗެކްކުރެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ، މި މަހުގެ 24ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަން ހުށަހެޅުމަށް އީސީން ވަނީ އަންގާފައެވެ. އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ މައި ޕޯޓަލް އިންނެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްފައި ވަނީ ކޮމިޝަނުގެ 'ސިމެދަ' ޕޯޓަލްއެވެ. ލިސްޓަށް ބަދަލެއް ގެންނަން ބޭނުންވާ ހާލަތެއްގައި އެކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް ހުށަހެޅުމަކީ ލާޒިމުކަމެކެވެ. އަދި އިންތިހާބާ ގުޅޭ އާންމު ޝަކުވާތައް ހާއްސަ ފޯމަކާ އެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ މަގު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
މި ފަހަރުގެ އިންތިހާބުތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުތައް ބާއްވަނީ ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫގެ އިތުރުން ސ. ހުޅުދޫގައެވެ.
މި މަގާމުތަކަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 26ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތަކުގެ އިތުރުން ދައްކަންޖެހޭ ފީ ވެސް ބަލައިގަންނާނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
