ޚަބަރު

މުދަލުގެ އަގު ސާފުކޮށް ފެންނަން ނުހުންނަ ނަމަ ފިޔަވަޅު އަޅަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ދެން އިމޭޖަސް

އާންމުންނަށް ވިއްކުމަށް ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ތަކެތީގައި، ގަންނަން ބޭނުންވާ ފަރާތްތަކަށް ސާފުކޮށް ފެންނާނެހެން އަގު ލިޔެފައި ނުހުންނަ މައްސަލަތަކުގެ ޝަކުވާ އިތުރުވެ، އެފަދަ ވިޔަފާރިތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރައްވައި، އެ ވުޒާރާއިން އާންމުކުރި މަޢުލޫމާތުގައި ވާގޮތުން، ތަކެތީގެ އަގު ނޭނގޭ ގޮތަށް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެގޮތުން އެ ޤާނޫނުގެ 16ވަނަ މާއްދާގެ (ހ)ގެ ދަށުން، ކޮންމެ އެއްޗެއް ވިއްކަން ބެހެއްޓި ނަމަވެސް، އެ އެއްޗެއްގެ އަގަކީ ކޮބައިކަން ގަންނަ މީހާއަށް ފަސޭހައިން އެނގެން ހުންނަންވާނެއެވެ.

މި އުޞޫލުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާކަމަށް ބަލައިގަންނާނީ މައިގަނޑު ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ސީދާ އެ އެއްޗެއްގެ ބޭރުގައި ނުވަތަ އުރައިގައި އަގު ޕްރިންޓުކޮށްފައި ނުވަތަ ތަތްކޮށްފައި ހުރުމެވެ. ދެވަނަ ގޮތަކީ، އެ އެއްޗެއް ހުރި ހަރުގަނޑެއްގައި ނުވަތަ ވަށިގަނޑެއްގައި އަގު ލިޔެފައި ބެހެއްޓުމާ އެކު، އެއީ ސީދާ ކޮން އެއްޗެއްގެ އަގެއްކަން އޮޅުންނާރާނެ ފަދަ ގޮތަކަށް ހާމަކޮށްފައި ހުރުމެވެ. މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ވިޔަފާރިވެރިންނަށް އެ ވުޒާރާއިން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ފިހާރަތަކާއި ވިޔަފާރިކުރާ މަރުކަޒުތަކުން މި ޤަވާއިދުތަކަށް ތަބާވޭތޯ ކަށަވަރުކުރުމުގެ ގޮތުން، ޤާނޫނުގެ 66ވަނަ މާއްދާގެ ދަށުން ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. އަދި އުސޫލާ ޚިލާފަށް މުދަލުގައި އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ޤާނޫނުގެ 84ވަނަ މާއްދާގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދަވާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

Ads by HDC