ޚަބަރު

ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކްގައި އުޅޭ ދިވެހި މީހާ ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގައި އިސްކޮށް އުޅޭ ދިވެހި މީހާ ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ފުލުުހުން ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއް ހިންގައި ހެންވޭރު މާދޫގެ ބަލައިފާސްކޮށް 826 ފުޅި ބަނގުރާ އަތުލައިގަނެފައެވެ.

އެ މައްސަލައިގައި ބަނގުލަދޭޝްގެ ތިން މީހުންކަމަށްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) ހައްޔަރުކޮށް މިހާރު ތިބީ ބަންދުކޮށްފައެވެ. ބަނގުލަދޭޝް މީހުން ބުނީ އެ މީހުންނަކީ ރިޝްވާންގެ މުވައްޒަފުން ކަމަށާއި ބަނގުރާ ސަޕްލައިކުރުމުގައި އުޅުނީ ރިޝްވާން އަންގައިގެން ކަމަށެވެ.

ފުލުހުން ރޭ ވަނީ އެ މައްސަލައިގައި ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް(53އ.) ހައްޔަރުކުރިކަން ޔަގީންކޮށްދީފައެވެ. އޭނާއަކީ އެ ނެޓްވޯކްގެ އިސް މީހާ ކަމަށްވާއިރު އޭނާ މިހާރު ހުރީ 15 ދުވަހަށް ބަންދުވެސްކޮށްފައެވެ.

އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC