މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރު ފާހަގަކުރާ 46ވަނަ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ބޭނުމުގައި، އަންނަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުން ފެށިގެން 7ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޚާއްޞަ ބަހުސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
"މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި މައުޟޫޢުގެ މައްޗަށް ބިނާކޮށް ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކުރިއަށް އޮތް މަހުގެ 5ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ. މި މުބާރާތުގައި ވާދަކުރުމުގެ ޝަރުތަކީ، ނިމިދިޔަ ޖަނަވަރީ މަހުގެ ނިޔަލަށް އުމުރުން 16 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުމެވެ.
ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ޖަމިއްޔާތަކުގެ އިތުރުން ކޮލެޖް ޔުނިވަރސިޓީތަކާއި އާންމު ފަރާތްތަކަށް ވެސް މި މުބާރާތުގައި ޓީމުތައް ނެރުމުގެ ޖާގަ ވަނީ ފަހިކޮށްދީފައެވެ. މުބާރާތުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން ކޮންމެ ޓީމެއްގައި ވެސް އަސާސީ 3 ބަހުސްކުރާ ފަރާތްތަކުގެ އިތުރުން ބަދަލުގައި އަރާނެ 2 ކުދިން ހިމެނުމުގެ އިޚުތިޔާރު ލިބޭއިރު، މުބާރާތް ނިމިގެންދާއިރު މުޅި މުބާރާތުން އެންމެ މޮޅު ތިން ޓީމާއި އެންމެ މޮޅު ތިން ބަހުސްކުރުންތެރިން ހޮވައި އިނާމު ދިނުމަށް ވަނީ ތާވަލުކުރެވިފައެވެ.
