ޚަބަރު

ރޭޕް ހާދިސާ ކުށްވެރިކުރަން، އެކަމުގައި އެޅެންހުރި ހަރުކަށި ފިޔަވަޅު އަޅާނެ: ވެމްކޯ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގދ. ތިނަދޫގައި ބަޔަކު 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ކުށްވެރިކޮށް އެ މައްސަލައިގައި ވެމްކޯގެ މުވައްޒަފަކު ޝާމިލުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދީފިއެވެ.

ވެމްކޯއިން އެފަދައިން ޔަގީންކަން ދިނީ އެ ހާދިސާއާ ގުޅިގެން އެކި ފަރާތްތަކުން އެ ކޯޯޕަރޭޝަންއަށް ރައްދުވާ ގޮތަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންދާއިރު ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މުޙައްމަދު މައިސަން ޝިޔާޒު (21އ)އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ)އާއި ނަޖުމުﷲ ޙަސަން (35އ)އާއި ޢާޒިމް މުފީދު (24އ)އާއި ޢަލީ ޙުޒާމް ސަޢީދު (31އ)އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ)އާއި އަޙްމަދު ނޫޙު ނިޔާޒު (20އ)އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)ގެ އިތުރުން އަޙްމަދު ޞާނިޖު ޞާދިޤު (32އ)އެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން ވެމްކޯއިން ބުނީ ވެމްކޯ މަސައްކަތުގެ މާހައުލާއި އެ މާހައުލުން ބޭރުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒިފުންގެ އަހްލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ ކުންފުނީގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަގްސަދު ކަމަށެވެ. އަދި އެ ޕޮލިސީ ފަރުމާ ކުރެވިފައި ވަނީ އެފަދަ ރިވެތި އަހްލާގީ މިންގަނޑުން ބޭރުވެ ނޭއްގާނީ އެެކިއެކި ކުށްތައް ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަމަށެވެ.

އެހެން ކަމުން ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ވެމްކޯގެ މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ އެ ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތަށް އެ މުވައްޒިފަކާ މެދު ވެސް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

Ads by HDC