ޚަބަރު

ރައީސް ޞާލިޙް މާދަމާ ޤައުމާ މުޚާތަބު ކުރައްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާދަމާ ޤައުމާއި މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް މާދަމާ ހެނދުނު 10:00 ގައި ރައީސް ގައުމާ މުޚާތަބުކުރައްވާނެ ކަމަށެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ރާއްޖެއިން ފާހަގަ ކުރަނީ ރަބީޢުލް އައްޥަލް މަހުގެ އެއްވަނަ ދުވަހެވެ. މިދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދުވަހެވެ.

އެދުވަހުގެ ބަތަލު، ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ގައުމީ ދުވަސް ފާހަކުރަން ހާއްސަ ޖަލްސާއެއް ބާވަން ހޯމް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ ވާޗުއަލްކޮށެވެ. އޭގެ ފަހުން ރައީސްގެ ހިޠާބު ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހޯމް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!