ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އެރުވުން އަންނަ މަހު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ރައީސް ޞާލިޙަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށެވެ.
އަދި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބު، ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކާއެކުއެވެ.
މުޅި ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ހުރިހާ އަތޮޅަކުންވެސް ކުރި ހޯއްދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. މުޅި އިންތިޚާބުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %61 ވޯޓެވެ. އެއީ 24،572 ވޯޓެވެ. މި އިންތިޚާބުން ރައީސް ނަޝީދަށް ލިބިވަޑައިގަތީ %39 ވޯޓެވެ. އެއީ 15،631 ވޯޓެވެ.






ކޮމެންޓް