"ފުރަތަމަ ސިދުގީ" ނާދިރާ އެހެން ބުނެފައި ކައިރީގައި ހުރި ބަތްޕާރުސަލް ސިދުގީ އާ ދިމާއަށް ކޮއްޕާލިއެވެ. “ފުރަތަމަ ނާދިރާ” ނަމަވެސް ސިދުގީވެސް އެހެން ބުނެފައި އެ ބަތްތަށި ނާދިރާ އާ ދިމާއަށް އަނބުރާލިއެވެ.

Ads by Sosun Fihaara

***

“ހުޝާމް ޕުލީޒް، އަހަރެން ގަޑިޖެހެނީ. ދެންވެސް ލަސްނުކޮށް އަވަހަށް ބަލާ އައިސްބަލަ. މިހާރު ކިހާއިރެއްމިވަނީ މިތާ ހުޝާމްގެ އިންތިޒާރުގަ ހުންނަތާ” ލަހުފާ އަވަސް އަވަހަށް ބޭގު ކޮނޑަށް ވައްޓާލަމުން ބުނެލިއެވެ.

“މިއަދު ތަންކޮޅެއް ގިނަ މަސައްކަތް ހުރީމަ ވަރަށް އަވަހަށް އޮފީހަށް ނިކުމެފިން. ވަރަށް ބޮޑަށް ސޮރީ އިނގޭ ލަހޫ. ޓެކްސީ އެއް ނަގަން ވީނު” ހުޝާމް އެހެން ބުނުމުން ލަހުފާ ވަރަށް ހިތްހަމަ ނުޖެހިފައި ފޯން ކަނޑާލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ. އޭރު އޭނާގެ މަންމަ ނާދިރާ އާއި ބައްޕަ ސިދުގީ ކާމޭޒު ކައިރީގައި ތިއްބެވެ.

ލަހުފާ އޭނާގެ މަންމަ އާ ބައްޕަގެ އަމަލު ތަކަށް ބަލާލަން ހުރުމަށްފަހު ގެއިން ނިކުމެ ހިނގައިގަތެވެ. ބޯހޫރާ ލަމުންނެވެ.

އާނއެކެވެ. އެއީ ލަހުފާ އަށް އާކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ދެކެން ޖެހިފައިވާ މަންޒަރު ތަކެކެވެ. އެއީވެސް ލޯބިން ކުރި ކައިވެންޏެކެވެ. ނަމަވެސް ކައިވެނީގެ ވަކި ހިސާބަކުން ދެމީހުންގެ އިތުބާރު ގެއްލި އެކަކު އަނެކަކަށް ޝައްކު ކުރުމުގެ ނަތީޖާ އަކަށްވީ މުސްކުޅިވި ދުވަހު ޝައްކު ބަލި ޖެހުމެވެ. އެގޮތުން އެ ބަތްޕާރުސަލަކީ މިއަދު ސިދުގީ ބޭރުން އަންނަމުން ނާދިރާ އަށް ގެނައި ބަތްޕާރުސަލެކެވެ. ނަމަވެސް ނާދިރާ ހީކުރީ ސިދުގީ އެއަށްވަނީ ޒަހަރު ލާފައި ކަމަށެވެ. އެހެންކަމުން ފުރަތަމަ އެ ބަތްޕާރުސަލް ކާން ޖެހެނީ ސިދުގީ ކަމުގައި ނާދިރާ ދިޔައީ ބުނަމުންނެވެ. ނަމަވެސް ސިދުގީ އެ ކެއުމަށް އިންކާރު ކުރިއެވެ. އޭނާ އެ ބަހައްޓާފައި ފާހާނަ އަށް ވަތް ގަޑީގައި ނާދިރާ އެއަށް ޒަހަރުލިކަމަށް ހީކޮށެވެ.

ލަހުފާ ބޭރަށްނިކުމެ ޓެކްސީއެއް ހޯދަން އުޅެއުޅެވެސް އަވަހަކަށް ނުލިބުނެވެ. އެތައް އިރަކު ޓެކްސީ ސެންޓަރުތަކަށް ގުޅިފަހުން އައި ޓެކްސީގައިވެސް އެހެން ދަތުރުވެރިއެއް އިނެވެ. ލަހުފާ އަރަން ބޭނުންނުވެ ހުރެވެސް ޓެކްސީ އަށްއަރައި ދެން ނައްޓާލީ އޮފީހާ ދިމައަށެވެ. އިތުރަށް މަޑުކޮށް ލަސްވެއްޖެނަމަ އޭރުން ކަންތަކާ ޖެހުނީއެވެ.

“އާނ. މިތާ މަޑުކުރޭ” ކާރު ލަހުފާގެ އޮފީހާ އަރާ ހަމަވުމުން ލަހުފާ ލާރި ދީފައި އަވަސް އަވަހަށް ފޭބިއެވެ. އޭރު އޮފީސް ދޮރުމަތީގައި ލަހުފާގެ ބޮސް ނަޖީބު އާ އޭނާގެ ސެކެރެޓަރީ ޖީޒާ ހުއްޓެވެ. ލަހުފާ ފެނުމުން ޖީޒާ ނަޖީބު ކައިރީ ކޮންމެވެސް އެއްޗެހި ތަކެއް ކިޔެވެ. ލަހުފާ އެތެރަށް ވަންނަން ފެށުމުން ނަޖީބު ވަރަށް ހިތްހަމަ ނުޖެހިފައި ބަލާލިއެވެ.

“އެންމެ ދުވަހަކު މި ލަސްވީ. އެވަރުންވެސް ނަޖީބު ސާރ އެހުރީ ރުޅި އައިސްފަ. އޭނާ އަކަށް ނުފެނެއެއްނު ޖީޒާ ކޮންމެ ދުވަހަކު ގަޑި ޖެހޭތަނެއް. ދެމީހުން އެކުގައި ކުރާ ބެންކޮކް ދަތުރުތަކުގެ ސިއްރަކީ މިއީކަން ނޭނގެ. ވަރަށް ފޫހިވޭ. ޔަގީނޭ. އެ ޖީޒާ މިހާރު މަށޭ ކިޔައިގެން ކުޓުވީކަން” ލަހުފާ އޭނާގެ އެކުވެރި ސަލްވާ ކައިރީ ކުދި ކިޔަން ފެށިއެވެ.

“ނޫނޭ ލަހޫ، މިއަދު ޖީޒާ ގަޑި ޖެހުމުގެ މާކުރިން އައިސްފި. އޮފީސް ހުޅުވީވެސް އޭނަ. ލަހޫ މިދިޔަ ހަފުތާވެސް ދެދުވަހެއްގަ ގަޑިޖެހުނީމެއްނު” ސަލްވާ ބުނެލިއެވެ.

“ސަލްވާ! މިކޮޅަށް އާދެބަލަ” ސަލްވާ މަސައްކަތުގައި އަވަދި ނެތި އުޅެނި ކޮށް ޖީޒާ އޭނާ އަށް ގޮވާލިއެވެ. “އަޅެ މަ ބިޒީއޭ. މަސައްކަތެއްވެސް ނެތީތަ މާ ހުސްކޮށް ޖީޒާ ތި ހުރީ” ސަލްވާ ބުނެލިއެވެ.
“ދެން އާދެބަލަ. އެއްޗެއް ދައްކަން ވެގެނޭ” ޖީޒާ އެހެން ބުނުމުން ސަލްވާ ތެދުވެގެން ޖީޒާގެ ކައިރިއަށް ދިޔައެވެ.

“ޑިޔުޓީ ގަޑީވެސް ފޭސްބުކް ގަތަ؟” ސަލްވާ އަށް ޖީޒާ ގެ ސިސްޓަމް ފެނުމުން ބުނެލިއެވެ.
“ނޫނޭ މި ބަލަނީ ޔޫޓިއުބް ، އަލަށް ނިކުންނަން އުޅޭ ދިވެހި ފިލްމު ރެހެންދިހަދީޖާގެ ޓްރެއިލާ. ވަރަށް އިންޓްރެސްޓިން ފިލްމެއް. މަށަށް ހަމަ ރީތި ކަމުން ނުހުރެވިގެން މިއުޅެނީ ފިލްމު ބަލާހިތުން. މިއަދު ދޭއް ޖަހާއިރު ޓިކެޓު ވިއްކަން ފަށާނެ. ކޮންމެހެންވެސް ފުރަތަމަ ޝޯއަށް ދާންވާނެ” ޖީޒާ ބުނެލިއެވެ.

“އާނ މަވެސް ކޮންމެހެންވެސް ތި ފިލްމު ބަލަން ބޭނުން. އެކަމު އަވަހަށް ޓިކެޓް ހޯދަން އޮލިމްޕަހަށް ނުގޮސް ފުރަތަމަ ޝޯއިން ޓިކެޓެއް ނުލިބޭނެ އެއްނު. މިހާރުވެސް ހައުސްފުލްކަން ނޭނގެ ތިފިލްމު” ސަލްވާ ބުނެލިއެވެ.

“ހާސްނުވޭ އަހަރެން ދާނަން ޓިކެޓް ދޫކުރަން ފަށާ ގަޑީގެ މާކުރިން އޮލިމްޕަހަށް.” ޖީޒާ ބުނެލިއެވެ.

އޭރު ލަހުފާ ދުރުގައި ޖީޒާ ދައްކަމުން ދިޔަ ވާހަކަ ފާރައަށް އަޑު އަހަން ވަރަށް ފޫހިވެފައި އިނެވެ.

ގަޑިން މެންދުރު އެކެއް ޖަހައިފިއެވެ. ލަންޗް ބްރޭކަށް މަސައްކަތް ތައް އެއްފަރާތް ކޮށްލުމަށްފަހު ލަހުފާ ގޮނޑިންތެދުވެގެން ގޮސް ނިކުތެވެ. އަދި ހުޝާމް އަށް ގުޅާލިއެވެ.

“ކޮންތާކު ހުޝާމް. ހިނގާ އެކުގަ ލަންޗް ހަދާލަން” ލަހުފާ ބުނެލިއެވެ.

“ސޮރީ ލަހޫ. މިގަޑީގައެއް ނޫން. އަހަރެން މިހުރީ އޮލިމްޕަހުގައި” ހުޝާމް ބުނެލިއެވެ.

“އޮލިމްޕަހުގައޭ؟ ހުޝާމް ކޮންއިރަކު ދިވެހިފިލްމް ބަލަން ފެށީ” ލަހުފާ ބުނެލިއެވެ.

“ރެހެންދިހަދީޖާގެ ޓިކެޓް ނަގަން އައިސް މިހުރީ ހުސްވަގުތެއް ވުމުން. އެވަރަށް ރީތިވާނެ ފިލްމެކޭ މީހުން އެބަކިޔާ. މަށަށްވެސް ވަރަށް ކަމުދިޔަ ޓްރެއިލާރ” ހުޝާމް ބުނެލިއެވެ.

"ދެން ކާކާއެކު ދާން ތިއުޅެނީ؟ ކީއްވެ އަހަރެން ކައިރީގައި ނުބުނީ؟" ލަހުފާ ރުޅި އައިސްފައި ސުވާލު ކޮށްލިއެވެ.

"އަޅެ ލަހޫތީ އެއްވެސް ކަހަލަ ފިލްމެއް ބަލާ މީހެއްތަ؟ އޮފީސް ރައްޓެއްސަކާ އެކު ގޮސްލަނީ. ލަހޫ ބޭނުންތަ ދާން؟" ހުޝާމް އެހެން ބުނުމުން ލަހުފާ ރުޅިއައިސްފައި ފޯން ކަނޑާލިއެވެ. އޭނާ އަށް ދެން ހަނދާންވާން ފެށީ އެހެން ކަމެކެވެ.

ހުޝާމް ވެސް މިއަދު އޮފީހަށް މާކުރިން ގޮސްފިއެވެ. އަނެއްކޮޅުން ޖީޒާ ވެސް މިއަދު ގަޑިއެއް ނުޖެހެއެވެ. ޖީޒާ ވެސް ވަނީ އެ ފިލްމުގެ ޓިކެޓު ގަންނަން ގޮހެވެ. ހުޝާމް އަކީ ދުވަހަކުވެސް ދިވެހި ފިލްމެއް ބަލާމީހެއް ނޫނެވެ. ނަމަވެސް ކުއްލިޔަކަށް ފިލްމަށް ދާން އުޅުމުން ކޮންމެވެސް ނުބައެއް އުޅޭ ކަމަށް ލަހުފާ އަށް ހީވާން ފެށިއެވެ. ހަގީގަތް ހޯދުމުގެ ނިޔަތުގައި ލަހުފާ ޓެކުސީ އެއް ނެގުމަށް ފަހު އަވަހަށް އޮލިމްޕަހާ ދިމައަށް ނައްޓާލިއެވެ.

ލަހުފާ އަށް އޮލިމްޕަހަށް ދެވުމާ އެކު ލޮލުން ކަރުނަ އޮހޮރެން ފެށުނެވެ. އޭރު ބޭރުގައި ތިބި ކިޔުގައި ޖީޒާ އާއި ހުޝާމް ތިއްބެވެ. ތިބީ އަދި ދަޅެއް ޖަހާލައިގެން ސަކަރާތާ މަޖަލުގައެވެ. ޖީޒާ ދިޔައީ ހުޝާމްގެ ކޮނޑުގައި އެލިއެލިފައި ބިންދަ ބިންދައިގެން ދާވަރަށް ހެމުންނެވެ. ހުޝާމް ލަހުފާއަށް ކިޔާނުދޭ ޖުހާގެ ވާހަކަތައް ޖީޒާއަށް ކިޔާދެނީކަން ކަށަވަރެވެ.

ލަހުފާ ވަރަށް ރުޅިއައިސްފައި ގޮސް ހުޝާމް އަށް ފެންނަ ހިސާބަށް ކައިރިވެލިއެވެ. ހުޝާމް އަށް ލަހުފާ ފެނުމުން އޭނާ ދިޔައީ ސިހިގެންނެވެ. ޖީޒާ ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ.

ހުޝާމް އަވަސް އަވަހަށް ލަހުފާ ކައިރިއަށް ދިޔައެވެ.
”މިތާ ކީއްތި ކުރަނީ” ހުޝާމް ސުވާލު ކޮށްލިއެވެ. ނަމަވެސް ލަހުފާ ޖަވާބެއް ނުދީ ހިނގައިގަތެވެ.
“ޕްލީޒް ލަހުފާ.. ކޮބާ މައްސަލައަކީ” ހުޝާމް ބުނެލިއެވެ.

“މައްސަލައަކީ ކޮބާހޭ؟ އަހަންނާ އެއް އޮފީހެއްގައި އުޅޭ އަހަރެންގެ ދުޝްމަނަކާ ލޯބީގެ ގުޅުން ހިންގުންވެސް މައްސަލައެއް ނޫންތަ؟” ލަހުފާ އަށް ރޮވެން ފެށުނެވެ.

“ޕްލީޒް.. ލަހުފާ އަހަންނަށް އެކުސްޕްލެއިން ކޮށްދެން ވަގުތު ކޮޅެއް ދީ” ހުޝާމް ލަހުފާގެ އަތުގައި ހިފެހެއްޓިއެވެ.
“އަހަރެން އެއްވެސް އެއްޗެއް އަޑުއަހަން ބޭނުމެއް ނޫން. ގޮސް ޖީޒާއާއެކު ރެހެންދިހަދީޖާ ކުޅެންދޭ. ރެހެންދިހަދީޖާ ފިރިމަރާލިގޮތަށް ދުވަސްކޮޅަކުން ޖީޒާވެސް ހުޝާމްގެ ކަރަށް ފައިންއަރާނެ” ލަހުފާ ހުޝާމްގެ އަތް ފޮޅުވާލިއެވެ.

“އަޑު ނޭހިއަސް އަހަރެން ކިޔާދޭނަން. އަހަންނަށް ޖީޒާ އާ ދިމާވީ ފޭސްބުކުން. އެކުވެރިވެ ކޮފީއަށްވެސް ދިޔައިން. އަހަރެން ލަހުފާ އާ ރައްޓެހިވެގެން އުޅުނަސް އެހެން ކުދިންނާވެސް ރައްޓެހިކަން ބާއްވަން .އެޔަކަށް ލޯބީގެ ގުޅުމެކޭ ނުކިޔޭނެ. އަހަރެން ޖީޒާ އާ އެކުވެރި ވާހަކަ ލަހުފާ ކައިރީ ނުބުނީ ލަހުފާ ޖީޒާ އަށް ނަފުރަތު ކުރާތީ. ޖީޒާ އަކީ ތި ހީކުރާހާ ކަހަލަ ގޯސްމީހެއް ނޫން. އޭނާ ލަހުފާ އޭ ކިޔައިގެން ތިތަނުގެ ވެރިމީހާ ކައިރީ އެކައްޗެކޭވެސް ނުކިޔާ. ތި ހަމައެކަނި ކުށްހީ އެއް” ހުޝާމް ބުނެލިއެވެ.

“އެހެންތަ؟ ހާދަ އުފާވެއްޖޭ. ލޯބިވެރިޔާ ކުރިމަތީގަ އޭނާގެ ދުޝްމަނަށް ތައުރީފު ކޮށްލީމަ. ޝުކުރިއްޔާ ހުޝާމް” ލަހުފާ އެހެން ބުނެފައި ރޮމުން ދުއްވައިގަތެވެ.

އިރުއޮއްސެނީއެވެ. ޑިޔުޓީ ނިމިގެން ސަލްވާ އާއި ލަހުފާ އޮފީހުގެ ބޭރުގައި މަޑުކޮއްލައިގެން ތިއްބެވެ.
“ދެން ލަހޫ ޕްލީޒް. ތިހެން ދެރަވެފަ ނުހުރެ ތި ކަންތައް ހަނދާން ނައްތާލާ” ސަލްވާ ނަސޭހަތްތެރިވާން ފެށިއެވެ. ނަމަވެސް ލަހުފާ އެކަނިވެރި ގޮތަކަށް ގެޔާ ދިމައަށް ހިނގައިގަތެވެ. އޭރުވެސް ހުޝާމް ދިޔައީ ލަހުފާ އަށް ގުޅަމުންނެވެ.

ލަހުފާ ގޮސް އޭނާގެ ގެޔަށް ގޮސް މައްޗަށް އެރިއެވެ. ދޮރުހުޅުވާލާފަ ވަނުމާއެކު ލަހުފާ އަށް ރޮއިގަނެވުނެވެ. އެ މުޅި ދުވަސް ލޯމައްޗަށް ތަކުރާރު ވެގެން ދިޔައެވެ. ލޮލުން ކަރުނަ އައުމާއެކު ދިރިއުޅުން ބަރުބާދު ވެދާނެ ކަމުގެ ރަތް ސިގުނަލް ލިބުނެވެ.

އެހެން ވާކަށް ލަހުފާ ބޭނުމެއް ނޫނެވެ. އާނއެކެވެ. ފަހަރެއްގައި ހުޝާމް އެ ދެއްކީ ހުސް ރަނގަޅު ވާހަކަ ތަކަކެވެ. ޖީޒާ ގެވެސް އެއްވެސް ކުށެއްނެތެވެ. އެހެންކަމުން ލަހުފާ ފޯންނަގައި ހުޝާމް އަށް ގުޅިއެވެ. އަދި މައާފަށް އެދުނެވެ. ނަމަވެސް އޭރުވެސް ކާ މޭޒު ކައިރީގައި ލަހުފާގެ މަންމަ އާ ބައްޕަ އެ ބަތްޕާރުސަލަށް ބަލަން ތިއްބެވެ.

”ފުރަތަމަ ނާދިރާ” ސިދުގީ އެހެން ބުނެފައި އެ ބަތްޕާރުސަލް ނާދިރާ އާ ދިމައަށް ކޮއްޕާލިއެވެ. “ފުރަތަމަ ސިދުގީ” ނާދިރާވެސް އެ ބަތްޕާރުސަލް ސިދުގީ އާ ދިމާލަށް އަނބުރާލިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!