އެމްޑީޕީގެ ރަނިންމޭޓުކަން ފާރިޝްއަކަށް ނުދޭނެ: މަވޯޓާ ޝަރީފު

އެމްޑީޕީގެ ރަނިންމޭޓުކަން ފާރިޝް މައުމޫނަކަށް ނުދޭނެކަމަށާއި އެމްއާރުއެމްވެސް ސަރުކާރުގެ ކޯލިޝަނުން ވަކިވާން ބޭނުންވާ ނަމަ އަވަހަށް އެކަން ކުރީމަ ނިމުނީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ފާރިޝް އަށް ރަނިންމޭޓުކަން ދިނުމަކީ ވާނެކަމެއްނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"އެމްއާރުއެމް އިންވެސް ވަކިވާން ބޭނުމިއްޔާ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ. އެމްޑީޕީއަކުން ފާރިޝް މައުމޫން އަކަށް ރަނިންމޭޓު ކަމެއް ނުދޭނެ. އެޔަކީ ވާނެކަމެއްނޫން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވީ ކޯލިޝަނުގައި ހިމެނޭ މުހިންމު ޕާޓީއެއްކަމުގައިވާ ޖުމްހޫރީ ޕާޓީއިން އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަނުން ވަކިވެ ވަކިން ވާދަކުރެއްވުމަށް ނިންމާފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުވަނީ ހޫނުވެ ހަލަބޮލިވެފައެވެ.
މިގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވީއެންމެ އަވަހަކަށް އިސްތިއުފާ ދޭން ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.





ކޮމެންޓް