ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑީއޯއެއް ދައުރުވަނީ
ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާ ގައި ދައުރުވަމުން އެބަދެއެވެ.
އެވީޑިއޯއިން ފެންނަނީ މާލޭގެ ގެއެއްގެ ބެލްކަނީ ގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ.
ރެއިން ފެށިގެން ދައުރުވަމުން އަންނަ މިވީޑިއޯ އާއި ގުޅިގެން މިމައްސަލަ ޖެންޑާ މިނިސްޓްރީން ވެސް މިހާރު އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ މައްސަލައެއް ބަލަމުން އަންނަކަން ހާމަކޮށްފައިވީ ނަމަވެސް، މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެމިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.
ގިނަ އެކައުންޓްތަކުން މިހާރު ޑިލީޓު ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ބެލްކަނީއެއްގެ ތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްޓާލުމަށްފަހު އެ ކުއްޖާ ގަދަކަމުން ގޭތެރެއަށް ވައްދަން މީހަކު މަސައްކަތް ކުރާ މަންޒަރެވެ. އަދި އަނިޔާކުރަމުން ދިޔަ ފިރިހެން މީހާގެ އަތުގައި ހެދުން އަޅުވާ ކޮނޑެއް އޮތްކަން ވެސް އެ ވީޑިއޯ އިން ފާހަގަވެއެވެ.
މިފަދަ އަނިޔާވެރި ގޮތަކަށް ކުޑަ ކުއްޖަކާއިމެދު ޢަމަލު ކުރަމުން ދިޔައިރު ވެސް ކަމާއިބެހޭ ފަރާތަށް ރިޕޯޓު ނުކޮށް ހުރުމުން، އާއްމުންގެ ފާޑުކިޔުން މިވީޑިއޯ ކުރި މީހާއަށް ވެސް ވަނީ އަމާޒުވެފައެވެ.