ޝާފިއު ތައްޔާރުކުރި ހަނދާނީ ބިނާ މޮޑެލް އެމްއެންޑީއެފަށް ހަދިޔާ ކޮށްފި، ވަރަށް ޗާލު
މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތާއި ދިމާކޮށް އަމިއްލަ ފަރާތަކުން ތައްޔާރު ކުރި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެމްޑީއެފަށް ހަދިޔާ ކޮށްފިއެވެ.
މި މޮޑެލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ޕްރައިވެޓް އަބްދުالله ޝާފިއު ތައްޔާރު ކުރި މޮޑެލް އެކެވެ. މި މޮޑެލް އެމްއެންޑީއެފާ ހަވާލު ކުރެއްވީ ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ބިނާއާ ހަވާލުވެ ލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނަސްރުގެ ދުވަހާއި ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރު ކޮށްދެއްވީތީ ޝާފިއުއަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލްވެސް ވަނީ ޝާފިއުގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
މި މޮޑެލް ފަރުމާ ކުރުމާއި ތައްޔާރު ކުރުމަށް ކުރެވުނު މަސައްކަތް ޝާފިއު ވަނީ މި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާއާ ހިއްސާ ކޮށްފައެވެ.
މީގެ ކުރިން ވެސް ޝާފިއުވަނީ ތާރީހީ ބިނާތަކުގެ މޮޑެލް ތައްޔާރު ކޮށްފައެވެ. އެގޮތުން މެދު ޒިޔާރާތް މޮޑެލް އަކާއި ގަޑިބުރުގެ މޮޑެލް އެއް އޭނާ ތައްޔާރު ކުރިއެވެ.