ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ނޫން އެހެން މަޤްސަދެއް ނެތް: ރައީސް ޞާލިޙު

ސިޔާސީ މަޤްސަދެއްގައި ކުރައްވާނެ އިތުރު ކަމެއް ދެން ނެތްކަމަށާއި، މަޤްސަދަކީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު މާޅޭންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެގޮތުން، ސިޔާސީ މައިދާނަށް ބަލާއިރު، މިހާރު ހުންނެވީ ދެވޭނެ އެންމެ އުހުގައި ކަމަށާއި އަންނަ ދައުރުގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ފިޔަވައި، ސިޔާސީ ގޮތުން ވެސް ހާސިލްކުރަން ބޭނުންވާނެ އެއްވެސް ކަމެއް ނެތް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
"އެހެންވީމަ ސިޔާސީ މަޤްޞަދެއްގައި އަޅުގަނޑު ކުރާނެ އިތުރު ކަމެއް ދެން ނޯންނާނެ. އަޅުގަނޑުގެ މަޤްޞަދަކީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން، އެ ނޫން އެހެން އެއްވެސް މަޤްޞަދެއް އަޅުގަނޑުގެ ނޯންނާނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.
"އަންނަ ދައުރު ނިމިގެންދާއިރު މާ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނަން." ރައީސް ޞާލިޙު ވިދާޅުވި އެވެ.
ރައީސް ޞާލިޙުގެ ފުރަތަމަ ދައުރުގައި ހާސިލްވީ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުޅިވަރާ ގުޅޭ 500 އަށްވުރެ ގިނަ މަޝްރޫއު މިހާރު ވެސް ހިންގަމުންދާއިރު އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މާޅެންދޫގައި ވެސް ހިންގަމުންދާކަމަށެވެ. އަދި އިތުރު މަޝްރޫއުތަކެއް ހިންގެވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއިރު އޭގެ ތެރޭގައި، ވޮލީ ކޯޓަކާއި އިންޑޯ ފުޓްސަލް އެރީނާއެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާޅެންދޫއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި އެރަށު ބަނދަރު އަޕްގްރޭޑް ކުރުން، އެ ރަށު މަގު ހެދުން، ފެން ހިންދާ ނިޒާމް ގާއިމްކުރުން، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ދެވޭގޮތައް ތަރައްޤީކުރުމާއި އަދި ލެބޯޓްރީއެއް ގާއިމްކުރުން ހިމެނޭކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.





ކޮމެންޓް