އާގަންނާތީ ބުލީގެ ޝިކާރައަކަށްވި ބައިޑަންގެ ހިތްވަރުން މިއަދު އެމެރިކާގެ ރައީސް ކަމަށް
މިއަދު ދުނިޔޭގެ ހުރިހާ މީޑިޔާއެއްގެ ފަލަ ސުރުޚީގައި އޮތީ އެކެއްގެ ވާހަކައެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޖޯސެފް އާރ. ބައިޑަން، ޖޯ ބައިޑަންގެ ވާހަކައެވެ. ގިނަ ބަޔަކު އެމަނިކުފުނާގެ ކާމިޔާބީއަށް މަރުޙަބާ ދަންނަވަމުންދާއިރު، ޖޯ. ބައިޑަންގެ ދިރިއުޅުމަށް ގިނަ ބައެއްގެ ޝަޢުޤުވެރިކަން މިވަނީ ހުއްޓިފައެވެ.
ޖޯ ބައިޑަންގެ ޒަވާޖީ ޙަޔާތާއި ސިޔާސީ ހަޔާތަށް މީގެ ކުރިން ވާނީ ގެނެސް ދީފައެވެ. މިފަހަރު މި އަލި އަޅުވާލަނީ ޖޯ ބައިޑަންގެ ޅަފަތުގެ ދައުރަށެވެ.
20 ނޮވެންބަރ 1942 ގައި ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތް ޖޯ ބައިޑަން އުފަންވިއިރު، އޭނާގެ ބައްޕަ ޖޯސެފް އެޗް ބައިޑަން އަކީ ޕެންސަލްވޭނިޔާގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އައި މީހެކެވެ. ނަމަވެސް ޖޯ އުފަންވިތާ މާ ގިނަ އަހަރުތަކެއް ނުވަނީސް ޖޯގެ ބައްޕަގެ ތެލުގެ ވިޔަފާރި ބަގުރޫޓްވިއެވެ. އަދި އެއަށްފަހު ޖޯ އާއި އޭނާގެ އާއިލާ އުޅެމުން އައީ މާމަ ގޭގައެވެ. އެއަށްފަހު ޖޯސެފްގެ ބައްޕަ ޑެލަވެޔަރއަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ވިޔަފާރިއެއް ފެއްޓިއެވެ. ޖޯގެ ބައްޕަ ކުރަމުން އައީ ބޭނުންކޮށްފައި ހުންނަ ކާރު ވިއްކުމުގެ މަސައްކަތެވެ. މިމަސައްކަތުން ރަނގަޅު އާއްމުދަނީ އެއް ޖޯގެ ބައްޕައަށް ލިބެއެވެ. ޖޯ އުޅެ ބޮޑުވީ މިޑަލް ކްލާސް، ނުވަތަ އާދައިގެ ދިރިއުޅުމެވެ.
މަދަރުސީ ޙަޔާތުގައި ޖޯބައިޑަންއަކީ މާކަ ކުޅަދާނަ މީހެއް ނޫނެވެ. 688 ދަރިވަރުން އޭނާއާއެކު ތަޢުލީމު ހާސިލް ކުރިއިރު، ޖޯ އަށް ލިބުނީ 506 ވަނައެވެ. ޖޯ ގެ މަދަރުސީ ހަޔާތް ވެގެން ދިޔައީ ވަރަށް ވެސް އުނދަގޫ މަރުހަލާ އަކަށެވެ. ޖޯ އަކީ އާގަންނަ މީހެކެވެ. މީގެ މާނަކީ ބައެއް ބަސްބަސް ކިޔަން ޖޯއަށް ދަތިވެ، ވާހަކަ ދައްކާއިރު، އަޅައިގަންނަ ގޮތް ވެއެވެ. މިކަން ވެގެން ދިޔައީ ޖޯއަށް ސްކޫލު ކުދިންގެ ފަރާތުން މަލާމާތާއި ހަނގާކުރުން ރައްދުވާން ފެށި ކަމަށެވެ.
"އަހަންނަށް އިނގޭ ބްލީގެ ޝިކާރައަކަށްވީމަ ވާ ގޮތް. އެއަންނަ އިޙްސާސް އަހަރެން ކިޔައިދޭން ބޭނުންވޭ ބުލީ ކުރާ މީހުންނަށް އެއީ ކިހާ ބޮޑު ކަމެއްކަން. ތި ދެވެނީ ކިހާ ބޮޑު އަނިޔާއެއްކަން" 2008 ވަނަ އަހަރު އެމެރިކަން އިންސްޓިޓުއުޓް ފޯރ ޝަޓަރިންގައި ވާހަކަފުޅު ދައްކަވަމުން ޖޯ ބުނެފައިވެއެވެ.
"އަހަރެންގެ ޅަފަތުގެ މަދަރުސީ ޙަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އާނުގަނެ، ސްކޫލް އެސެންބްލީގައި ވާހަކަ ދެއްކުން. އެދުވަހު އެއީ އަހަރެން މިދުނިޔޭގައި އެންމެ އުފާވި ދުވަސް. އަދިވެސް ހަނދާން ހުރޭ އެދުވަސް މަތިން"
ޖޯ ބައިޑަން ބުނެފައިވަނީ އޭނާ އާގަންނާތީ ކޮންމެ ރެޔަކު އެތައް ވަގުތެއް ސްކޫލު ދައުރުގައި ނުނިދާ ބައެއް ބަސްބަސް ކިޔުމުގައި ހޭދަ ކުރާ ކަމަށާއި އެ ދުވަސްމަތިން ހަނދާން ނައްތާލަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"ކޮންމެ ރެޔަކު ވެސް ޓޯޗެއް ހިފައިގެން ބިއްލޫގަނޑު ކުރިމަތީ ހުރެ އަހަރެން ޕްރެކްޓިސް ކުރަން، އާނުގަނެ ބަސް ކިޔޭތޯ. ވަރަށް ގިނަ ވަގުތު ރުއިމުގައި ވެސް އޭރު ހޭދަ ކުރަން"
ޖޯ ބައިޑަންގެ މިހާރުގެ ސްޕީޗްތައް އަޑު އަހާލުމުން ވެސް ކޮންމެވެސް ވަރަކަށް އާގަންނަކަން ފާހަގަ ކުރެވޭނެއެވެ. ނަމަވެސް އުމުރުން 20 އަހަރުގެ އޭނާ ވަނީ އާގަތުން ވަރަށް ބޮޑުބައި ރަނގަޅު ކޮށްފައެވެ.
ބައިޑަން އެކިއެކި ހަފްލާތަކުގައި އޭނާއަށް ދިމާވި ބައެއް ހާދިސާތައް ކިޔައިދެއެވެ. މިގޮތުން މުޅި ޓީޗަރުންނާއި މުޅި ކްލާސް އޭނާއަށް ބްލީ ކުރާކަން ފާހަގަކޮށް، އެފަދަ ކަންކަން ސްކޫލުގައި ވިޔަ ނުދިނުމަށް ޖޯ ތަކުރާރުކޮށް ގޮވާލަމުން ގެންދެއެވެ.
"ހަނދާންހުރޭ ޓީޗަރުން އަހަރެންނަށް މަލާމާތް ކުރާ ހަނދާން. ޖޮ..ޖޮ...ޖޯ އަހަރެންނަށް ވަނަމަކަށް ގޮވަނީ. ސްކޫލަށް ދާހިތް މުޅިން ކެނޑުނު. އެއްދުވަހު އައިން ސްކޫލުން ގެޔަށް، ދެން ސްކޫލަކަށް ނުދާނަމޭ ކިޔާފަ"
ޖޯ ބުނާ ގޮތުގައި ކޮންމެ މީހަކަށްވެސް އެންމެ ބޭނުން ވާނީ އަބަދުވެސް އެކުގައި، އަޑު އަހާނެ މައިންބަފައިން ކަމަށާއި، އޭނާއަށް އެ ރަޙްމަތް ލިބިފައިވާ ކަމަށެވެ. އަދި ބްލީ ކުރުން ފަދަ ކަންކަމުން ދަރިފުޅު ސަލާމަތް ކުރަން މައިންބަފައިންނަށް ޖޯ ގޮވާލާ ގޮވާލުން އަބަދުވެސް ތަކުރާރު ކުރައްވައެވެ.
ބްލީގެ ޝިކާރަކަށްވެ، ސްކޫލުން ކެނޑެން އަޒުމް ކަނޑައެޅި، ޖޯ ބައިޑަން މިހާރު އެހުންނެވީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ޤައުމުގެ އިންތިޚާބީ ރައީސްގެ މަޤާމުގައެވެ. އަދި ލޯ ދާއިރާއިން ކިޔަވާ ވިދާޅުވެގެން، މިއަދު އެހުންނެވީ، އިތުރު ގިނަ ކާމިޔާބީތަކެއް ވެސް ހާސިލް ކުރައްވައިގެންނެވެ. ހިތްވަރާއެކީ، ދިމާވި ގޮންޖެހުންތަކާ ކުރިމަތި ލުމުން، ކާމިޔާބީއަކީ ތިމާގެ އެއްޗެއްކަން މިއަދު ޖޯ ވަނީ ސާބިތު ކޮށްދީފައެވެ.