ދީން

ތިމާގެ ސަބަބުން މި މީހުންގެ ލޮލުން ކަރުނައެއް ފައިބައިފިނަމަ، ތިބާގެ ނަފްސުގެ މައްޗަށް ނަރަކައިގެ ދޮރު ތިބާ ހުޅުވައިފިކަން ކަށަވަރެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަކީ އިންސާނުން އިމްތިހާނު ކުރުމަށް ޓަކައި ފޮނުއްވާފައިވާ ވަގުތީ ފާލަމަކެވެ. ވީއިރު އަޅުގަނޑުމެން ދުނިޔޭގައި އުޅޭ އިރު މަސައްކަތް ކުރަންވީ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ގޮތަކަށް މަސައްކަތް ކުރެވޭތޯއެވެ. ދިިއުޅުމުގެ "ޓާގެޓް" އަކަށް ވާން ވާނީ ސުވަރުގެ ހާސިލު ކުރުމެވެ. އެހެން ނަމަވެސް މި ތިން މީހުންގެ ލޮލުން ތިމާގެ ސަބަބުން ކަރުނަ ފައިބައިފިނަމަ ތިބާގެ މައްޗަށް ނަރަކައިގެ ދޮރު ތިބާ އަމިއްލައަށް ހުޅުވައިފިކަން ދަންނާށެވެ.

Ads by STELCO

އެ ތިން މީހުންގެ ތެރޭގައި އެންމެ ފުރަތަމަ އަންނަނީ ތިމާގެ މައިމީހާއެވެ. 9 މަހާއި 9 ދުވަސް ވަންދެން ތިބާ އުފުލި އެ ނިކަމެތި މައިމީހާގެ ލޮލުން ކަރުނަ ފޭބުމުގެ ސަބަބަކަށް ތިބާ ވާން ބޭނުން ހެއްޔެވެ؟ ނުވާނެ ކަން ގައިމެވެ. އެހެންކަމުން ތިމާގެ މައިމީހާގެ ލޮލުން ކަރުނަ ތިއްކެއް ނުވަތަ، ނުރުހުމުގެ ގޮތުން "އުފް" އޭ ވެސް ތިމާ ނުބުނާށެވެ. ހަމަކަށަވަރުން ސުވަރުގެ ވަނީ ވެސް މައިމީހާގެ ފައިތިލަ ދަށުގައެވެ.

މައިންބަފައިން ތިބާއަށް ވެފައިވާ ގުރުބާނީގެ އަގު ދުވަހަކުވެސް ތިބާއަށް އަދާ ނުކުރެވޭނަކަމަށް ޝައްކެއް ވަސްވާހެއް ނެތެވެ. އެފަކީރުންގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ހަމަގައިމުވެސް ތިބާގެ ހިތް ވެސް އުފާ ވާނެއެވެ. އެފަކީރުން ދެރަކޮށްފައި ދުވަހަކު ވެސް އުފަލުގައި އުޅެވޭނޭ ހީނުކުރައްޗެވެ. އެއީ ކުށް ހީއެކެވެ.

ދެވަނަ ބަޔަކަށް އަންނަނީ ތިމާގެ ސަބަބުން އަނިޔާ ލިބިފައިވާ މީހާގެ ކަރުނައެވެ. އިންސާނުން އެކަކު އަނެކަކަށް އެއްވެސް ހައްގަކާއި އަދި ކުށަކާ ނުލާ އަނިޔާ ކުރުމަކީ ހަރާމް ކަމެކެވެ. އެހެން ވުމުގެ ސަބަބުން އެމީހުންގެ ހިތުގައި ތިބާއާ ދޭތެރޭ ނަފުރަތު އުފެދި އެމީހުންގެ ބަދު ދުޢާ ތިބާއަށް ލިބިގެން ދާނެއެވެ. ހަމަ ގައިމުވެސް އަނިޔާ އެއް ލިބިފައިވާ މީހެއްގެ ފަރާތުން އެފަދަ ނުރުހޭ ކަމެއް ތިބާއަށް ލިބުމަކީ ތިބާ ދެދުނިޔޭގައި ވެސް އަބާއްޖަވެރިވާން ދިމާ ވެދާނެ ސަބަބެކެވެ.

ތިންވަނައަށް އަންނަނީ، ތިމާގެ ސަބަބުން ޔަތީމު ކުއްޖެއްގެ ލޮލުން ކަރުނަ އޮހޮރުމެވެ. ތިބާގެ މައިންބަފައިން މި ދުނިޔޭގައި ތިބާއާ އެއްކޮށް ވީނަމަވެސް އެކުދިންގެ މައިންބަފައިން އެކުދިން ގާތުގައި ނުވާނެއެވެ. އެމީހުން ދެރަކޮށް ރޮއްވާލުމަކީ ހާދަހާ ލާއިންސާނީ ޢަމަލެކެވެ. އެފަދަ މީހުންނަށް ދުނިޔޭގައި އުޅޭއިރު ވެސް އެއްވެސް އުފަލެއް ނުވާނެއެވެ.

އެހެންނަމަވެސް މިކަންކަމަކީ ތިބާއަށް ތައުބާ ނުވެވޭނެ ކަންކަމެއް ނޫނެވެ. އެފަދަ ކަމެއް ތިބާއަށް ކުރެވިފައިވާނަމަ އެކަލާންގެ ޙަޟްރަތުން އަވަހަށް ތަޢުބާ ބުމަށް އަވަސްވެ ގަންނާށެވެ. އެހެންނޫނީ ވަގުތު ފާއިތުވެދާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެންމެ އޯގާވެރިވަންތަ ރަސްކަލާނގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!