ޔައުގޫބްގެ ގޮނޑީގެ މައްސަލައިގައި ހުކުމް އިއްވުން މިމަހު 16 ގައި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ޢަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑިއާމެދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ޔައުގޫބްގެ ގޮނޑިއާއިމެދު ސުވާލު އުފައްދާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުންނެވެ.
އެމަގާމާއި ހަވާލުވެ ވަޑައިގަތުމުން ޔައުގޫބަށް ފާޑުކިޔުންތައް އަމާޒުވުމުން، އޭނާވަނީ ކައުންސިލު މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ކުރެއްވުމުން ޔައުގޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުއްވީ ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ޢަލީ އެވެ. އެދެބޭފުޅުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުން ހިމެނެއެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.