ދުނިޔެ

މޮޅުވީ އަހަރެން، ސާބިތުކޮށްދޭނަން: ޓްރަންޕް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާވަނީ އޮޅުވާލާފައި ކަމަށާއި އަދި އެކަން ސާބިތުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް އަދި މިދިޔަ ހަފްތާގައި އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވެ ވަޑައިގަތް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބަލި ޤަބޫލު ނުކުރައްވާ ރައީސް ޓްރަންޕަށް އިންތިޚާބުން ނޫނެކޭ ބުނި ގިނަ ސްޓޭޓްތަކުގައި ވޯޓް އަލުން ގުނުމަށް ނުވަތަ ބައެއް ކަރުދާސްތަކަކީ ސައްޙަ ނޫން ކަރުދާސްތަކެއް ކަމަށް ކަނޑައެޅުމަށް ޓްރަންޕް ވަނީ އެ އެސްޓޭޓްތަކުގެ ސްޕްރީމްކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

ޓްރަންޕް މިއަދު އަދި އިއްޔެ ކުރި ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ އިންތިޚާބު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި، އެކަކު ދެ ފަހަރަށް ވޯޓް ލުމާއި އަދި މަރުވެފައި ތިބި މީހުން ވޯޓްލުން ފަދަ އެތަކެއް ޖަރީމާތަކެއް އިންތިޚާބުގެ ތެރެއިން ހިނގާފައިވާ ކަމަށެވެ. އަދި އެމެރިކާގައި ޒަމާނުއްސުރެ އޮންނަ މެއިލް ވޯޓް ސިސްޓަމަކީ ޤަބޫލު ކުރެވޭފަދަ ސިސްޓަމެއް ނޫން ކަމަށާއި މިގޮތަށް ވޯޓް ލުމުން ވޯޓް އޮޅުވާލަން ވަރަށް ބޮޑު ބާރަކަށްވާ ކަމަށް ވެސް ޓްރަންޕް ވިދާޅުވިއެވެ.

ޓްރަންޕް މިފަަދައިން ޓްވީޓް ކުރައްވާފައި ވީނަމަވެސް، ވޯޓް އޮޅުވާލިކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި މިހާތަނަށް ޓްރަންޕް ކޯޓަށް ވެއްދި އެއްވެސް މައްސަލައެއް ޓްރަންޕްއާ އެއްކޮޅަށް ނިމިފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ޓްރަންޕްގެ ޓްވީޓްތަކުގައި އިތުރަށް ވިދާޅުވެފައި ވަނީ އެމެރިކާގެ ކުންފުނި ފައިޒާއިން، ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެ ކަމުގެ ޚަބަރު ވޯޓްގެ ފަހުން އިޢުލާންކުރީ އިންތިޚާބަށް ނުފޫޒް ފޯރުވަން ކަމަށެވެ. އަދި މިގޮތަށް ވޯޓްލީތާ، 3 ދުވަސްފަހުން މިފަދަ ބޮޑު ކަމެއް އިޢުލާން ކުރުމުން، މިކަން ކުރި ވަގުތާމެދު ޝައްކު ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވެކްސިން އެހާ އަވަހަށް ކާމިޔާބު ކުރެވުނީ ޓްރަންޕް ވެރިކަމުގައި ހުރުމުން ކަމަށްވެސް ޓްރަންޕް ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވިކަން އެމެރިކާގެ މީޑިޔާތަކުން ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން ބައިޑަންއަށް އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!