Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ޞާލިޙުއަށް

ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ޞާލިޙުއަށް

ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ތާއީދުކުރުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރިޔާޒް ރަޝީދު ވަނީ ރޭ ރައީސް ޞާލިޙުއާ ބައްދަލުކުރައްވާފައެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޞާލިޙަކީ ވަރަށް ކުރީއްސުރެން ދަންނަ ރަޙުމަތްތެރި ބޭފުޅެއްކަމަށާއި، އެ ގުޅުމުގެ ތެރެއިން ރައީސް އޭނާގެ ތާއީދަށް އެދިވަޑައިގަތުމުން، ތާއީދުކުރުމަށް ނިންމެވީކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އަޅުގަނޑުގެ ފަރާތުން އެ އެހީއަށް އެދުނީމާ ދެން އެ ގޮތަށް ތާއީދުކުރީ" މިއީ ނަމެއްގައި ކުރި ތާއީދެއް ނޫންކަން ފާހަގަކުރައްވައި ރިޔާޒްް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މީގެ ކުރިން 2018ގެ ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީގެ ކެންޕެއިނުގައި ބައިވެރިވުމަށް ރައީސް ދަޢުވަތު އެރުވިކަމަށާއި، ނަމަވެސް އެފަހަރު އެކަން ނުކޮށް މަޑުކުރެއްވީކަމަށެވެ. އަދި މި ފަހަރުގެ އިންތިޚާބަށް އޭނާގެ ކިބައިގައި ހުރި އެންމެ ފުރިހަމަ މިންވަރެއްގައި ރައީސަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

"މި ވަގުތު އެގޮތަށް [ރައީސް ޞާލިހަށް ތާއީދުކުރަން ނިންމީ] މި ވަގުތަށް އެންމެ ރަނގަޅު ގޮތަށް ފެންނާތީވެ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ޤައުމުގެ ކަންކަން ހިނގާނީ އެއިރެއްގައި ވެރިކަމުގައި ތިބޭ ބައެއްގެ ސިޔާސަތުގެ މައްޗަށްކަމަށާއި، އެކި މީހުންނަށް ފާހަގަވާނީ އެކި ކަންކަންކަމަށާއި، ކޮންމެ ވެރިކަމެއްގައި ވެސް ރަނގަޅު ކަންކަމާއި ގޯސް ކަންކަން ހުންނާނެކަމަށެވެ.

"އެއްބަޔަކަށް ރަނގަޅު އަނެއް ބަޔަކަށް ނުބައި، އެ ގޮތަށް އޮތް ކަމެއް. އެހެންވީމާ ޤައުމާ ބެހޭ ގޮތުން ޤައުމަށް ހެޔޮކޮށް އެ ބައެއްގެ ޕާޓީއަަށް ހެޔޮކޮށް ކަންތައްތައް ކުރަންވާނީ. ޤައުމު ވަކި ރަނގަޅަށް ހިންގާ ބަޔަކު ނުފެނޭ. ކޮންމެ ބަޔަކު ވެސް އެ ވެރިކަމުގައި ތިބޭ ބަޔަކު އެ ބަޔަކަށް ފެންނަ ގޮތަކަށް ޤައުމު ހިންގަނީ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ރައީސް ޞާލިޙުއަށް ތާއީދުކުރުމަށް ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް