ބިރުވެރިކަމާއި ނާމާންކަން ބޭނުންނުވާ ނަމަ އަޅުގަނޑަށް ވޯޓު ދެއްވާ, އުފަލާއި ހަމަޖެހުން ހޯދައިދޭނަން: ރައީސް ޞާލިޙް

ބިރުވެރިކަމާއި ނާމާންކަން ބޭނުންނުވާ ނަމަ އެމަނިކުފާނަށް ވޯޓު ދެއްވުމަށާއި އުފަލާއި ހަމަޖެހުން ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިން ނިންމުމަށް އެމްޑީޕީން މިއަދު ބޭއްވި ހިނގާލުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާދަމާ އަކީ ރާއްޖޭގެ މުސަތަގްބަލައްޓާކައި ވަރަށް މުހިންމު ނިންމުމެއް ނިންމާ ދުވަހެއް ކަމަށެވެ. އެއީ އިސް ރައްވެހިންގެ މުސްތަގްބަލާވެސް ގުޅިފައިވާ ނިންމުމެއް ކަމަށާއި ޒުވާނުންނާއި ކުޑަކުދިންނާއި, ވިޔަފާރިވެރިންނާ ވެސް ގުޅިފައިވާ ނިންމުމެއް ކަމަށެވެ.
އަދި އެ ނިންމުމަކީ ބިރުވެރިކަމާއި ނާމާންކަމާއި ގުޅިފައިވާ ނިންމުމެއް ކަމަށާއި ފުންކޮށް ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ފަސް އަހަރު ބިރުވެރިކަމާއި ނާމާންކަމާއެކު ރައްޔިތުން ހޭދަކޮށްފައިވާ ކަމަށާއި ނަމަވެސް 2018 އިން ފެށިގެން މިހާހިސާބަށް އައީ ހަމަޖެހުމާއި އުފަލާއި އެއްބައިވަންތަކަމާއެކު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކޮވިޑުގެ ވަބާއިން ރާއްޖެ ސަލާމަތްކޮށްދިނީ މި ސަރުކާރުން ކަމަށާއި ރާއްޖެ ތަރައްގީކުރުމަށްޓަކާ 5 އަހަރު ހޭދަކުރި އިރު ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. މިއަދު ރިސޯޓުތަކާއި ވިޔަފާރިތައް ހުޅުވި އާމްދަނީ އިތުރުވަމުންދާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ނިމުމަށްފަހު ގިނަ ދާއިރާއެއްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާނެ ކަމަށާއި އެ ބޭފުޅުންގެ އިހުސާސްތައް އަޑުއަހާފައިވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެެ.







ކޮމެންޓް