އުމުރުން ދުވަސްވެފައިވާ މާމަމެން ކުޑަކުދިން ބެލުމަކީ އުމުރު ދިގުވާކަމެއް: ދިރާސާ
އާއިލީ ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އާއިލީ ގުޅުން ދެމެހެއްޓުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރަށް ގިނަ ގުނަ ފައިދާތަކެއް ކުރާ ކަމެކެވެ.
ސައިންސްވެރިން ކުރި ދިރާސާތަކެއްގައި ބުނެފައިވަނީ، އެކަނިވެރިކަމަކީ އިންސާނާގެ އުމުރު ކުރުވާ އަދި ނުކުޅެދުންތެރި ކުރުވާ ކަމެއް ކަމަށެވެ.
އެމީހުން ބުނެފައިވާ ގޮތުގައި އެކަހެރިކޮށް ދިރިއުޅޭ މީހުންނަށް ކަންކަމާ އަމިއްލައަށް ކުރިމަތިލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އަދި އޭގެ ސަބަބުން ސިއްޙީ އެތަކެއް މައްސަލަތަކެއް ޖެހި ދުނިޔެއިން ވަކިވުން ފަދަ ކަންކަން ވެސް ކުރިމަތިވެއެވެ.
މިގޮތުން ސައިސްވެރިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، އުމުރުން ދުވަސްވެފައި ތިބޭ މީހުން އެމީހުންގެ މާމަ/ކާފަ ދަރިން ނުވަތަ ކުޑަކުދިން ބަލާ، އެކުދިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމުން އެމީހުންގެ ސިއްޙަތު ވަރަށް ބޮޑަށް ރަނގަޅުވެ އުމުރުވެސް ދިގުވެއެވެ.
ބޮސްޓަން ގެ ކޮލެޖަކުން 2004 ވަނަ އަހަރު ކުރި ދިރާސާއެއްގެ ނަތީޖާގައި ބުނެފައިވަނީ މާމައިންނާއި ކާފައިން އެމީހުންގެ މާމަ/ކާފަ ދަރިންގެ ހުރިހާ ކަމެއް ކުރުމުގައި ވެސް ބައިވެރިވާން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެކަމުން އެމީހުންނަށް ވަރަށް އުފާ ލިބޭ ކަމަށެވެ. އަދި އެމީހުން އެކުދިންނަށް ވަރަށް އެއްޗެހި ދޭން ވެސް ބޭނުންވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބޮސްޓަން ކޮލެޖުގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް ސޯޝިއޮލޮޖީ ޑރ. ސާރާ އެމް.މޯމަން ބުނެފައި ވަނީ އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނާ އެކު އެމީހުންގެ މާމަ ކާފަ ދަރިން ދެމެހެއްޓެނިވި ރަނގަޅު ގުޅުމެއް ބޭއްވުމަކީ، އެމީހުންގެ (އުމުރުން ދުވަސް ވެފައި ތިބި މީހުންގެ) ސިއްޙަތަށް ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
"މާމަ/ކާފަ ދަރިންނާއިއެކު ގުޅުން ރަނގަޅުވެ ގާތް ގުޅުމެއް އޮތުމުން އެމީހުންގެ (މާމައިންނާއި ކާފައިންގެ) އެކަނިވެރިކަން ފިލާ، ނަފްސާނީ ގޮތުން ވަރުގަދަވެ ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް އެމީހުންނަށް ލިބުމަށް ވެސް މަގުފަހި ކޮށްދޭ" ޑރ. ސާރާ ބުނެފައިވެއެވެ.