އެއާޕޯޓު ހުޅުވަން ރައީސް ޞާލިޙު ހޯރަފުއްޓަށް ވަޑައިގެންފި

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު އެރަށަށް ވަޑައިގެންފިއެވެ.
ރައީސް ޞާލިޙު ހޯރަފުށްޓަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް އެރަށަށް ވަޑައިގެންނެވިއިރު، އެމަނިކުފާނާއެކު ސަރުކާރުގެ ގިނަ ވެރިން ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެރަށަށް ވަޑައިގެންފައެވެ.
ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެރަސްމިއްޔާތު ވަނީ މިއަދަށް ފަސްކުރެވިފައެވެ.
ހޯރަފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން 18 މަސް ދުވަހުން އެއާޕޯޓްގެ މަަސައްކަތް ނިންމާލާފައިވާއިރު އެތަނުގައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ހުޅުވި ފުރަތަމަ އެއާޕޯޓެވެ.