ޚަބަރު

އަޅުގަނޑުގެ އުފަން ރަށުން ނަމޫނާ ދައްކައިފި: މިނިސްޓަރ ނަހުލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިގްތިސާދީ ނާރެހަކަށް ބޮޑު ތިލަދުންމަތި ހެދުމުގެ ފާލަމެއްގެ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ އުފަން ރަށް، ހއ. ހޯރަފުށީގެ ރައްޔިތުން ދެއްކި ނަމޫނާ އަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައި އެކަމަނާ ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު މިނިސްޓަރ ނަހުލާ ވިދާޅުވީ ބޮޑު ތިލަދުންމަތީ ރައްޔިތުންގެ ހުވަފެން މިއަދު ހަގީގަތަކަށްވީ އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރަށް އެއްބާރުލުންދީ، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެރަށުގެ ރައްޔިތުން ކުރި މަސައްކަތުން ކަމަށެވެ.

އެމްޓީސީސީން ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމާ ހަމައަށް އެ ރަށުގެ ރައްޔިތުން ވަނީ އެކި ގޮތްގޮތުން އެމަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބިން ހިއްކުމުން ފެށިގެން ރަންވޭގައި ރޮނގު ދެމުމާ ހަމައަށް ރައްޔިތުންގެ ބައިވެރިވުން އޮތް ކަމަށް ކައުންސިލުން ވެސް ވަނީ ބުނެފައެވެ.

"މިއަދު އަޅުގަނޑުގެ ރަށުގެ، މި ފުށީގެ ރައްޔިތުން މިވަނީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ދައްކައިދީފައި. ވަރަށް އުފަލާއެކު ދަންނަވާލަން ބޭނުން ވަނީ ކުރިން ހޯރަ ތިރިކުރި މި ފުއްޓަށް ހޯރައާ އެކު ދެން ތިރި ކުރާނީ ބޮޑެތި މަތިންދާ ބޯޓުތަކޭ. މި މަޝްރޫއަށް މި ރަށުގެ އަދި އަތޮޅުގެ ރައްޔިތުންގެ ފަރާތުން ފޯރު ކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން." ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!