ކޮލަމް

ކޮރޯނާ ވައިރަސް: އަހަރުގެ އެންމެ ބޮޑު އަރަތް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ، ދެން އޮންލައިން

ކޮރޯނާ ވައިރަހަކީ އަޖައިބެއް ފަދަ އެއްޗެކެވެ. އެ މަޚުލޫޤު ކިތަންމެ ކުޑަ ނަމަވެސް މީސްނުމީސް ދެނެގަންނާން އެނގޭތީއެވެ. ބައެއް މީހުން ގޭ ކަރަންޓީނު ވާންޖެހެނީ އޭގެ ނުރައްކާތެރިކަމާހުރެ، ރަށުތެރެއަށް ފެތުރިދާނެތީއެވެ. ނަމަވެސް މި ގޮތަށް އެ ސޮރު ފެތުރި ގަންނަނީ އަޅުގަނޑުމެން ފަދަ އާދާއިގެ މީހުންގެ ކިބައިންނެވެ. އެހެންވެ އަޅުގަނޑުމެން މާލެއިން ރަށަށް ދާންޖެހެނީ 14 ދުވަސް ވަންދެން ގޭކަރަންޓީނުގައި ހުންނަ ގޮތަށެވެ. އެ ވެސް އަމިއްލަ ރަށާ ހަމައަށް،ނުވަތަ ދާން ބޭނުންވާ މަންޒިލާ ހަމައަށް ފޯރީމައެވެ. ރަށާއި މާލެއާ ދެމެދު އެހެން ވަގުތީ މަންޒިލެއްގައި އުޅުނަސް އެ ސޮރު ފެތުރިއެއް ނުގަނެއެވެ. ބޮޑެތި ބޭފުޅުންނާއި ފަތުރުވެރީންގެ ކިބައަކުން މި ނުރައްކަލެއް ނޯވެއެވެ. އަޅުގަނޑުމެން ފަދަ އާދައިގެ މީހުންނަށް ވިސްނައިގަންނާން އުނދަގޫވަނީ ވެސް މި ފަދަ ކަންތައްތަކުގެ ސަބަބުންނެވެ. އަދި ކޮރޯނާވައިރަހުން ޖެހޭ ބަލި ,ކޮވިޑް 19 އާ މެދު ރައްޔިތުން ދޭ ސަމާލުކަން ކުޑަވީ ވެސް މި ބާވަތުގެ ކަންކަން ތަޖުރިބާ ކުރެވެން ފެށީމައެވެ. އެކަމަކު މިއީ ވެސް ހެވެކެވެ. ކޮންމެ ކަމެއްގައި ވެސް ހެވެއް އޮންނާނޭކަން އެއީ މުއުމިނުންގެ ޢަޤީދާއެވެ. މިއަދު ކޮރޯނާ ފެތުރުމާމެދު ކަންކުރެވޭ ތަފާތު ގޮތްގޮތުގެ ސަބަބުން އެ ބައްޔާ މެދު ބިރާސްވެ،ނަފުސާނީ ގޮތުން ބަލިކަށިވެފައިވާ ބައެއް މީހުންނަށް ތަސައްލީއެއް ލިބިއްޖެއެވެ. ބައްޔާމެދު އޮންނަ ބިރުވެރިކަން ކުޑަވެއްޖެއެވެ. މިހާރުހަމައެކަނި އޮންނަނީ ޖޫރިމަނާގެ ބިރެވެ. ޤާނޫނީ ބިރެވެ. މިހެން މި ދިމާވީ ތަފާތު އެތައް ހާދިސާއެއްގެ ސަބަބުންނެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

Ads by Sosun Fihaara

މާލެއިން ފުރައިގެން މާ ދުރު ނޫން ރަށްށަކަށް ލާންޗެއްގައި ދަތުރުކުރި ހައެއްކަ މީހެއްގެ ވާހަކައެވެ. ދެ މީހުންނަކީ ބޭރު ވިލާތެއްގެ ބަޔެކެވެ. ޗުއްޓީ ހޭދަކޮށްލާން އައި ބަޔެކެވެ. ދެ ފަތުރުވެރީންނެވެ. އަނެއް ދެ މީހުންނަކީ ސަރުކާރުގެ ކުންފުންޏެއްގެ އިސް ދެ ވެރީންނެވެ. އެ މީހުން ދިޔައީ "ކުންފުނީގެ" ބޭނުމެއްގައި ކަމަށް ވެއެވެ. ދެން ތިބި ދެ މީހުންނަކީ އަމިއްލަ ރަށަށް ދިޔަ އެ ރަށުގެ ދެ ރަށްވެހީންނެވެ.

ކޮރޯނާ ވައިރަހުގެ ވިސްނުން ތޫނުކަން ދެކެވަޑައިގެން ބައްލަވާށެވެ! މި ހަ މީހުން ވެސް ދަތުރުކުރީ މާލެއިން ފުރި އެއް ލާންޗެއްގައެވެ. ފުރީ އެއް ތާކުންނެވެ. ދަތުރުކުރީ އެއް ލާންޗެއްގައެވެ. ދިޔައީ އެއް ރަށަކަށެވެ. ފަތުރުވެރީން ރަށަށް ލެފި އިރު، އެ މީހުންނާ ޙަވާލުވާން ތިބީ އެ މީހުން އެ ރަށުގައި ތިބޭން ކުރީއްސުރެ ހަމަޖައްސައިފައިވާ މެހުމާނުސަރާގެ ދެ މުއައްޒިފެކެވެ. އެ މީހުންނާއެކު މެހުމާނުސަރާއަށް ގޮސް ހަމަޖެހިލުމަށް ފަހު ފަސް ދުވަސް ވަންދެން އެ މީހުންނަށް މިނިވަންކަމާއެކު ރަށުގައި އުޅެވުނެވެ. އެ މީހުންގެ ޗުއްޓީ ހޭދަކޮށްލުމަށް ފަހު، ފުރައިގެން ދިޔައީއެވެ. މި މީހުންނާ ބެހޭކަށް ކޮވިޑެއް ނޫޅުނެވެ. ސަބަބަކީ އެއީ ރާއްޖެއަށް ޑޮލަރު "ހަދިޔާކުރާން" އައި ބަޔަކަށް ވާތީ ކަމަށް ވެދާނެއެވެ.

ކުންފުނީގެ ފަރާތުން އައި މީހުން އައީ ކުންފުނީގެ ބޭނުމެއްގައި ކަމަށް ވިޔަސް މާލޭގައި ތިބެގެން ފޯނުން ނުކުރެވޭވަރުގެ ކަމެއް އެ މީހުން ކުރި ކަމަކަށް ނުފެނުނެވެ. ނަމަވެސް ރަށުގެ އެކި މީސްމީހުންނާ ބައްދަލުކޮށް އެ ކުރި މަޝްވަރާއެއްކޮށް ދިން ނަސޭޙަތެއް ދިނެވެ. މި މީހުން ވެސް ބޭނުން ގޮތަކަށް އެ ރަށުގައި ދެ ތިން ދުވަހަކު އުޅުމަށް ފަހު ފުރައިގެން ދިޔައީއެވެ. މި މީހުންނަކާ ވެސް ކޮރޯނާއެއް ނުބެހެއެވެ. އެއީ ސަރުކާރުގެ ވެރީން ކަމަށް ވާތީ ކަމަށް ވެދާނެއެވެ.

ދެން ތިބި ދެ މީހުންނަކީ އާދައިގެ ދެ ރައްޔިތުންނެވެ. މިއީ ކޮރޯނާ ވަރަށް ރުޅި އަންނަ ބަޔެކެވެ. މި މީހުންނާ ފޮށިގަންނާން އެ ސޮރުމެން ތިބެނީ ބަލަބަލައެވެ. އެހެންވީމާ މިއީ ކޮރޯނާގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ބަޔެކެވެ. މި މީހުން ބަލައި އައިސް ތިބީ ވެސް މޫނުމައްޗާއި މޫނު އައްޑަނައާ އަޅައިގެން އަތަށް އަންގީލައިގެން އައިސް ތިބި ބަޔެކެވެ. މި މީހުން އައިސް ތިބީ ވެސް ޞިއްޙީ މަރުކަޒުގެ އެންބިޔުލާންސްގައެވެ. މި ނިކަމެތި ދެ މީހުން ކުށްވެރީން ގެންދާހެން ގެންގޮސް ކޮންމެ މީހަކު ވަކީން އެކަހެރި ތަނެއްގައި ބަންދުކުރީއެވެ. ކޮވިޑުގެ ނުރައްކާތެރިކަމަށް ޓަކައެވެ. އެކަމަކު މި ދެންނެވި އެންމެން ވެސް އައީ މާލެއިން އެއް ލާންޗެއްގައި އެއް ރަށަކަށެވެ.

އެހެން ދެ މީހެކެވެ. ދެމަފިރިއެކެވެ. މާލެއިން ރަށަށް ދާންވެގެން ދިޔައީ މަތީންދާ ބޯޓުގައެވެ. މި މީހުން ރަށަށް ދިޔައީ އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް ހޯދައިގެންނެވެ. އަދި އެ މީހުންނާ ބެހޭ މަޢުލޫމާތު އެ މީހުންގެ އުފަން ރަށުގެ ރަށު ކައުންސިލަށް ވަނީ ލިބިފައެވެ. ނަމަވެސް އެ މީހުން މަތީންދާ ބޯޓުން އައިސް ޖެއްސި އެއަރޕޯޓާއި އެ އެއަރޕޯޓާ ގުޅިފައިވާ ރަށްރަށުގެ ރަށު ކައުންސިލްތަކަކަށް މި މީހުންގެ ޚަބަރެއް ނޭނގެއެވެ. އެ މީހުންގެ ރަށަށް ދެވެނީ މަތީންދާ ބޯޓު ޖައްސާ ރަށުން ފުރައިގެން އިސްޕީޑް ލާންޗެއްގައި ނަމަ 35 މިނިޓުންނެވެ. ނަސީބު ދިމާކުރި ގޮތުން މި ދެމަފިރީންނަށް މަތީންދާބޯޓުގައި ދަތުރުކުރެވުނު ދުވަހާއި ޖެހިގެން އައި ދުވަހަކީ ވެސް ވަރަށް ވިއްސާރަ ދެ ދުވަހެވެ. އެހެންކަމުން ލާންޗެއްގައި ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. އެހެންވީމާ އެ މީހުންނަށް ޖެހުނީ އެ ދެ ދުވަހު ވެސް އެ ސަރަހައްދުގައި މަޑުކުރާށެވެ. މިނިވަނުންގެ ގޮތުގައެވެ. އެ މީހުން ބޭނުން ހުރިހާ ގޭގެއަކަށް ގޮސް ހޮޓާ ރެސްރޯޓަންޓްތަކުން ކައިބޮއި ހަދަމުން ގެންދިޔައެވެ. ކޮވިޑްގެ ނުރައްކަލެއް އެއިން ތާކަށް އެއިން ރަށަކަށް ނުފޯރުވައެވެ. އެއީ އެ މީހުންގެ އަޞްލު ރަށަކީ އެއީ ނޫންކަން ކޮރޯނާ ވައިރަހަށް އެނގެނީކަމަށް ވެދާނެއެވެ.

މި ދެމަފިރިން ދެ ދުވަސް ވަންދެން އެއަރޕޯޓް ސަރަހައްދުގެ ރަށްރަށުގައި ވަރަށް މިނިވަންކަމާއެކު އުޅުމަށް ފަހު، އެ މީހުންގެ ރަށަށް ހިނގައްޖެއެވެ. ދިޔައިރު، އެއްކަލަ ޓީމު އެމްބިޔުލާންސްގައި އައިސް އިސްތިޤުބާލުގައި ތިއްބެވެ. ހަމަ މޫނުމައްޗާއި މޫނު އައްޑަނަ އަޅައިގެން އަތަށް އަންގީ ލައްވައިގެންނެވެ. އެ މީހުންނަށް ރަށަށް އާދެވުމާއެކު މި އާދެވުނީ މި ދެމަފިރީންގެ ރަށަށްކަން އެއްކަލަ ކޮރޯނާއަށް ވިސްނުނީކަމަށް ވެދާނެއެވެ. ކޮންމެއަކަސް މި ދެމަފިރީންނަށް ވެސް އެހާ ހިސާބުން ޖެހުނީ ސާދަ ދުވަހުގެ "ކޮރޯނާ ޖަލު" ޙުކުމެވެ.

މި ވަރުން ފުދުނީއަކީ ނޫނެވެ. ރާއްޖޭގެ އާދައިގެ ރައްޔިތުންކުރެ ކޮންމެ މީހަކު ވެސް މާލެއިން އެ މީހެއްގެ އުފަން ރަށަށް ދިޔަޔަސް ސާދަ ދުވަސް ވަންދެން ކޮންމެވެސް އެކަހެރި ތަނެއްގައި ހުންނާންޖެހެއެވެ. ނަމަވެސް ދައުލަތުގެ އެކި ފެންވަރުގެ ބޭފުޅުން ރާއްޖޭގެ ރަށްރަށަށް އައިސްގޮސްވުމަށް މި އުޞޫލެއް ނޯވެއެވެ. މި ކަމާ ބައެއް ރައްޔިތުން ތުންފިއްތާން ފެށުމުން "ކަމާ ބެހޭ ފަރާތުން" ވިދާޅުވަނީ އެއީ ޚާއްޞަ ހުއްދައެއްގެ ދަށުން ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެހެންވީމާ، އެޗްޕީއޭއިން ދެއްވާ ޚާއްޞަ ހުއްދަ ވެސް ކޮރޯނާއަށް އެނގެނީތާއެވެ! ކިހާ ވިސްނުންތޫނު ބަސްއަހާ މަޚުލޫޤެއްތޯއެވެ! އެކަމަކު އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. މި ފަދަ ވިސްނުން ތޫނު ބަސްއަހާ މަޚުލޫޤަކަށް އަންގަވައިގެން އަޅުގަނޑުމެން ވެސް އުފަން ރަށަށް ޖައްސައިލާން އެޗްޕީއޭ އިން ޚާއްޞަ ހުއްދައެއް ނުދެއްވާތީ އޮންނަ ކަން ބޮޑުވުމެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެއް ބަޔަކު އެކި ނަންނަމުގައި ރަށްރަށަށް ގޮސް ކެންޕޭނު ކުރަނީއެވެ. އަނެއް ބަޔަކު މޫނުމައްޗާއި މޫނު އައްޑަނަ އަޅައިގެން އަތް ދޮވެލަދޮވެލައި ގޭގައި ތިބެނީއެވެ. ރަށަކަށް ހިނގައްޖެ ނަމަ ގޭކަރަންޓީނަށް ދާންޖެހެނީއެވެ. މި ހިސާބުން އަޅުގަނޑުގެ ހަނދާނަށް އައީ ވަރަށް މުހިއްމު ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު މަޖިލީހުގައި ވިދާޅުވި ވާހަކަފުޅެކެވެ. އެ  ޢިއްޒަތްތެރި މެންބަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ އިދިކޮޅު މީހުންނަށް ކޮވިޑް ޖައްސައިފައެވެ." މި ވިދާޅުވި ވިދާޅުވުމުގެ ހަގީގީ މާނަ މިހާރު މި ވިސްނުނީތާއެވެ. އޭރު އެ ވިދާޅުވި ވާހަކަފުޅުގެ މާނައަކަށް ވާނީ އެ ބޭފުޅުންނަށް ގޭކަރަންޓީނު ވާން ނުޖެހި މިނިވަންކަމާއެކު ކެމްޕޭނުކުރެވޭ އިރު އިދިކޮޅު ޕާޓީތަކުގެ މީހުންނަށް ކޮވިޑުގެ ބަހަނާގައި ގޭގައި ބައިތިއްބާނެ ވާހަކަތާއެވެ!

އެހެންވީމާ، މިއީ ވަރަށް ބޮޑު އަރަތަކަށް ވެއްޖެއެވެ. ކޮރޯނާއަކީ އެހާ ވިސްނުންތޫނު އެއްޗަކަށް ވީ ހެއްޔެވެ؟ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޫކުރައްވާ ޚާއްޞަ ހުއްދަ ދެނެގަންނާން އެ ސޮރަށް އެނގެނީ ހެއްޔެވެ؟ ދައުލަތުގެ ހިރިޔާއިންނާއި ފުރަދާނައިންނާއި ވުނަދާނައިންނަށް އެއިން ނުރައްކަލެއް ނޯންނަނީ ހެއްޔެވެ؟ ހަމައެކަނި އާދައިގެ ޢާއްމުންނާ އެ ސޮރު ދުޝްމަނުވެގެން މި އުޅެނީ ކީއްވެހެއްޔެވެ؟ މި ސުވާލުތައް މިއަދު އަޅުގަނޑަށް ވެފައި މިވަނީ ޖަވާބު ނޭނގުނު ވަރަށް ބޮޑު އަރަތަކަށެވެ. 2020ގެ ބޮޑު އަރަތަށެވެ.

Ads by Ooredoo
  1. ަަރާއްޖެ މީހެއް

    ކަރަންޓީނު އަރަތުގެ ޖަވާބު
    މާލެއިން ފުރައިގެން ކ. ގުރައިދޫއަށް ދިޔަ 3 މީހެކެވެ. އެންމެންވެސް ދިޔައީ ކަރަންޓީނު ނުވެ، ހާއްސަ ހުއްދައެއްވެސް ނެތި، ކޮވިޑްގެ ނުރައްކާ ނެތް ޙާލަތާއި އެއްގޮތަށް ހަމަ “ނޯމަލް” ކޮށެވެ.
    – ފުރަތަމަ މީހާއަކީ ކ. ގުރައިދޫއަށް ނިސްބަތްވާ އެރަށަށް އުފަން، މާލޭގައި ދިރިއުޅޭ ގުރައިދޫ މީހާއެވެ.
    – ދެވަނަ މީހާއަކީ ސަރުކާރުގެ އޮފީހެއްގެ މަސައްކަތެއް ކުރުމަށް އެރަށަށް ދިޔަ ރަށުން ބޭރު މީހެކެވެ.
    – ތިންވަނަ މީހާއަކީ ރަށަށް ޗުއްޓީ ހޭދަކޮށްލަން ދިޔަ ފަތުރުވެރިޔާއެވެ.

    * ތިން މީހުންވެސް އައީ ބަލި ފެތުރިފައިވާ އާބާދީ ތޮއްޖެހިފައިވާ މާލެއިންނެވެ. ތަފާތަކީ “ނިއު ނޯމަލް” ގައި ބަލި ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ކަރަންޓީނުގެ އުސޫލާއި ޚާއްޞަ ހުއްދައިގެ އުސޫލާއި ރަށްރަށުގައި ގެސްޓްހައުސްތައް ހިންގުމަށް ހެދިފައިވާ ޚާއްސަ އުސޫލުތައް އިސްތިސްނާވުމެވެ.

    ދެން ވާނެގޮތަކީ މިއީއެވެ.

    3 ވަނަ މީހާ (ފަތުރުވެރިޔާ) ރަށަށް އައިސް ބަނދަރުން ފައިބައިގެން ދިޔައީ އޭނާ ހުންނަ ގުސްޓް ހައުސް އަށެވެ. ގެސްޓް ހައުސްގައި އޭނާއަށް ވަކިން ދިރިއުޅެވޭނެ ކޮޓަރިއަށެވެ. ގެސްޓް ހައުސްގައި މަސައްކަތް ކުރަނީ ރަށުގެ ޒުވާން 2-3 ކުއްޖެކެވެ. ރަށުގެ ގޮނޑުދޮށުގައި އަވީލެވިފައި އޮތުމާއި މޫދާއި ގޮނޑުދޮށުން ހިތްއުފާކޮށް މަދުމަދުން ރަށުގެ މުހިއްމު ތަންތަން ބަލާލަން ގޮސްލާހަދައެވެ. ނަސްލާއި ބަހުގެ ގޮތުން ތަފާތުކަމެއް ހުރުމުން ރަށުގެ މީހުންނާއި ވާހަކަ ދެކެވި ގައިގޯޅިވެއެއް ނޫޅެއެވެ. ބައްދަލުވެ ވާހަކަ ދެކެވުނު މީހުން ވެސް މަދެވެ. އެހެންކަމުން ބައްޔަށް ޕޮޒިޓިވް ވިޔަސް ކޮންޓެކްޓް ޓްރޭސިންގ ހަދައި ބައްޔަށް ހުށަހެޅިފައިވާ މީހުން ދެނެގަންނަން ވަރަށްވެސް ފަސޭހަވާނެތާއެވެ.

    2 ވަނަ މީހާ ވެސް ބަނދަރުމަތިން ދާގޮތަށް ދިޔައީ އޭނާއަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށެވެ. މީނާއަކީ އެރަށުގެ މީހަކަށް ނުވާތީ އާއިލާގެ މީހުނެއް ގާތް ތިމާގެ މީހުނެއް އާރެއް ޔަަރެއް ނުހުންނާނެތާއެވެ. ކައިބޮއެ ހަދަނީ ރެސްޓޯރެންޓަކުންނެވެ. މީނާއަކީ ދިވެއްސަކަށް ވިޔަސް، ކުރަން އައި މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން ރަށުގެ ގިނަބަޔަކާ ބައްދަލުވެވިފައެއް ނުވެއެވެ. އޮފީހުގެ މަސައްކަތުގައި އުޅުނު މަދުބަޔަކާ ފިޔަވައެވެ. އެހެންކަމުން މީނާގެ ފަރާތުން ވެސް ބަލި ފެތުރުމުގެ ފުރުސަތުވެސް އޮތީ ވަރަށް މަދު ބަޔަކަށެވެ.

    1 ވަނަ މީހާ ރަށަށް ފޭބިއިރު އާއިލާގެ ބައެއް ކުދިންނާއި ބޮޑެތިމީހުންވެސް ތިބުމާއެކު އެކުދިން އުރައި ސަލާންގަލާންކޮށް، ބަނދަރުމަތިން ދިމާވީހާ ބަޔަކާއި ސަލާންގަލާންކޮށް ޙާލުއަހުވާލު އޮޅުން ފިލުވުމަށްފަހު ދިޔައީ ގެއަށެވެ. ގެއަށް ގޮސް ގޭގެ އެންމެނާއެކު ބޮޑުމޭޒުގައި ތައްޔާރުކުރެވިފައިވާ ސައިފޮދެއްގައި ބައިވެރިވެ އެތައް އިރަކު ވާހަކައިގައި ތިބެވުނެވެ. އެއަށް ފަހު ރަށުގައި ހޭދަވީ ފުރަތަމަ 2 ދުވަހު އާއިލާގެ މެމްބަރުންނާއި ރައްޓެހި ރަޙުމަތްތެރިންގެ ގޭގެއިންނާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުން އެތައްބަޔަކާއެކު އެތައް ކެއުންތަކަކާއި ކޮފީއާއި ސައިތަކަށް އިންސާފުކުރެވުނެވެ. އަދި މީގެ އިތުރުން ރައްޓެހިންނާއި އެކު މަސްދަތުރު ގޮސް ބާބެކިޔުތައް ވެސް ބޭއްވުނެވެ. ރައްޓެހިންގެ އިތުރުން ރައްޓެހިންގެ ރައްޓެހިންވެސް ބައިވެރިވިއެވެ. އެތަށް ބައެކެވެ. މީނާގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު އޮތް މީހުން ރަށުގެ ނިސްބަތުން ވަރަށްވެސް ގިނައެވެ. ކޮންޓެކްޓް ޓްރޭސިންގ ހަދަން ޖެހިއްޖެ ނަމަ ވަރަށްވެސް އުނދަގޫވާނެތާއެވެ. އެންމެންނަކީވެސް ދެކެފަރިތަ މީހުންނަށް ވާތީ މިހުރިހާކަމެއްގައިވެސް އުޅެވުނީ ވަރަށް ގައިގޯޅިކޮށެވެ.

    ނިއުނޯމަލްގައި (މިޙާލަތުގައި)
    – ފަތުރުވެރިން ގެސްޓްހައުސްތަކަށް އަންނަނީ ރައްކާތެރިކަމުގެ ގޮތުން ގައިޑްލައިންގައިވާ ގޮތަށް “ޕީ.ސީ.އާރު” ނެގެޓިވް ރިޒަލްޓަކާއެކު އެވެ. ރަށަށް އައިސް އުޅެން ޖެހެނީ މާސްކް އަޅައިގެނެވެ. ރަށުގެ ރައްޔިތުންވެސް މާސްކް އަޅައިގެން އުޅޭނަމަ ބަލިފެތުރުމުގެ ފުރުސަތު އެއްގޮތަކަށްވެސް ނެތްފަދައެވެ. ގެސްޓްހައުސްގައި އުޅޭ މުވައްޒަފުންވެސް ތިބެން ޖެހެނީ މާސްކްއަޅައި އަންގިލާފައެވެ. ފަތުރުވެރިޔާއަށް ޚިދުމަތެއް ދީފި ނަމަ ލަސްނުކޮށް އަތްދޮވުމާއި ސެނިޓައިޒްކުރުމަށް ގައިޑްލައިންގައި ބާރުއަޅައި ގެސްޓްހައުސްގެ އެތަންމިތާގައި ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ޕޯސްޓަރުތައް ތަތްކޮށްފައެވެ. ސެނިޓެއިޒަރއާއި މާސްކާއި އަންގި ހުސްނުވެ ފަސޭހައިން ބޭނުންކުރެވެން ހުރެއެވެ. ޑިއުޓީއަށް އައިސް ފުރަތަމަ ޖެހެނީ ޚާއްސަކުރެވިފައިވާ ތަނަކުން ހެދުން ބަދަލުކުރާށެވެ. ޑިއުޓީ ނިންމާފައި ގެސްޓްހައުސްއިން ނިކުންނަން ޖެހެނީ ފެންވަރައި ހެދުން ބަދަލުކޮށްގެނެވެ.

    – ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުން ވެސް އުޅެން ޖެހެނީ މާސްކް އަޅައިގެނެވެ. ކުރަންދާ މަސައްކަތް އޮންނަ ތަން ފިޔަވައި އެހެން ތަންތަނަށް ނުދެވޭނެއެވެ. ކާންވެސް އެއްޗެއް ގަންނަންވެސް ބޭނުންކުރަން ޖެހޭނީ ޑެލިވަރީގެ ޚިދުމަތެވެ.

    މިނޫން ގޮތަކަށް ކަންތައްތައް ވަމުންދާ ނަމަ ކައުންސިލާއި ރަށުގެ ފޯކަލް ޕޮއިންޓަށް ރިޕޯޓުކުރުމަކީ ފަރުދީ ޒިންމާއެކެވެ. އެކަމަކު ތިމާ މާސްކް ނާޅައި ހުރެ އެހެން މީހުން މާސްކް ނާޅައޭ ކިޔައި ޝަކުވާ ހުށަހަޅަން ގަންނަ ލަދުން ޝަކުވާ ހުށަހަޅަންވެސް ނުކެރޭނެދޯއެވެ.

    • އަޙުމަދު

      ތިޔައީ އަދި ޖަވާބަކަށް ނުފުދެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ނުވަތަ އޮފީސްތަކުގެ މީހުން، އެތައް ބަޔަކު އެއްކޮށްގެން އެތައް ބަޔަކާ ގުޅުން ބަދަހިކޮށް އުޅުމެކޭ، ރަށުގެ އާއްމު ރައްޔިތަކު، ވެސް މާސްކު އަޅައިގެން ސެނިޓައިޒްކޮށްގެން އުޅުމެކޭ ހުރި ތަފާތެއް ބުނެދީފާނަންހެއްޔެވެ. މާސްކު އަޅައިގެން، އަބަދު ސެނިޓައްިޒްކޮށްގެން އުޅޭ ނަމަ ބަލި ފެތުރުމުގެ ފުރުޞަތު އޮވޭ ހެއްޔެވެ؟ ރަށަށް އައި މީހުން، އެހެން ރަށެއްގައި ދެ ދުވަސް ވަންދެން ތަންތަނަށް ވަދެ ގޭގެއަށް ގޮސް ކައިބޮއި އުޅުނު އިރު، އޭނާގެ ކިބައިން ކޮވިޑް ނުފެތުރި، އޭނާގެ ރަށަށް ދިޔައިމާ ކޮވިޑް ފެތުރިދާނެތީ 14 ދުވަސް ވަންދެން “ޖަލުގައި” ހުންނާންޖެހެނީ ކީއްވެހެއްޔެވެ؟ މި ސުވާޅުތަކުގެ ޖަވާބެއް ހަމަ ނޭޏގެއެވެ.

  2. އެއީސޮރެއް ކަމެއް ކިހިނެއްތަ އެގުނީ އެސޮރޭ ކިޔާ ތިބަވާ ނަގަނީ އެފަކީރުގެ އޮތީ ކޮންކުށެއް ދިފާއުގަ މަށެއް ނޫނެކޭ ވެަަސް އެފަކީރަށް ބުނެވޭނީކީ . މަށަކީ އެފަކީރަށް ހަމްދަރުދީ ވާމީހެއް . މަށަށް އެގޭ އެފަކީރު ދިރިއުޅޭ ކަށް .އެސޮރެއް މަރެއް ނުވޭ . އެހެނެކޭ ކިޔާ ހާއްސުންނާ އާއްމުން ތަފާތުކުރަނީ މިސަރުކާރުން . ރައްޔިތުމީހާއަށް ބިރުން ހިރިލާން ނުކެރޭ ވަރު ކޮއް ދެފައި ބަދެވޭނަމަ ނިކަމެތި ރައްޔިތުންގެ ދެފައިވެސް ބަންނާނެ .

  3. ރާއްޖެތެރެމީހާ . ދެވަނަ މީހާ އާ މެދު ޝައްކު އުފައްދަން . ސަބަބަކީ އެމީހަކު ކޮންޓެކްޓް ވެވެނީ ރަށުގަ ރައްޔިތުންނާ އެބަޔަކު އެހެން ރައްޔިތުމީހާއާ ކޮންޓެކްޓް ނުވެއެއް ނުތިބޭނެ .