“ ތި ކުއްޖާ ހާދަ ކަޅޭ، ހާދަ ކުޑައޭ , ކާން ނުދޭ ކުއްޖެއްތަ؟ “
މިހާރަކަށް އައިސް މިއީ މި މުޖްތަމައުގައި ހިނގާ ވަރަށް އާންމު ކަމެކެވެ. ކުޑަ ކުއްޖަކު ފެނުމާ އެކު، އެންމެ ފުރަތަމަ ވެސް ބަލާލުމަށް ފަހު ނޭނގި ނަމަވެސް ބުނެވެނީ މިފަދައިންނެވެ. މިއީ މަޔަކު އަޑުއަހަން ބޭނުންނުވާނެ، އެހެން ނަމަވެސް ދަރިފުޅާ ދިމާލަށް އެހެން މީހުންނަށް ބުނެލެވޭ ބަސްކޮޅެކެވެ.
ކޮންމެ މަޔަކުވެސް ދަރިއަކު ބަލާ ބޮޑު ކުރާނީ އެންމެ ރަނގަޅަށެވެ. ކާން ދޭނީ ދަރިފުޅު އެންމެ ބޭނުންވާ އެއްޗިއްސެވެ. ލައްވާނީ އެންމެ ރީތި ހެދުމެވެ. މަންމަ އާއި ބައްޕަގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ބޮޑުވެ ސްކޫލު މާޙައުލަށް ނިކުތުމުން ހުންނަން ޖެހެނީ އެހެން ކުދިންގެ ފަރާތުން ލިބޭ މަލާމާތަށް ފިކުރު ބޮޑު ވެފައެވެ. ތިމާގެ ދަރިންނަށް ވިސްނުވައިދޭން ޖެހެނީ ކޮންމެ ސިފައެއްގައި ހުއްޓަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކުދިން ތިބޭ ސިފަޔަށް ބަސް ނުބުނުމަށެވެ.
ހަށިގަނޑު ތަންކޮޅެއް ދުޅަހެޔޮ ކުއްޖެއް ފެނުމުން "ތި ކުއްޖާ ހާދަ ފަލައޭ" ، "އަބަދު ކާންދެނީ ދޯ" މިފަދަ ބަސްތައް މައިންބަފައިންނަށް ނިސްބަތްކޮށް ބުނުމުން އެކަމުން ކުރާނެ އަސަރު މިފަދަ ކަމެއް ކުރިމަތިވެފައި ހުރި މަޔަކަށް ނަމަ ޔަގީނުން ވެސް އެނގޭނެއެވެ. ހަމަ ޔަގީނުން ވެސް އެއްވެސް މަޔަކު މިފަދަ ބަހެއް އަޑުއިވޭކަށް ބޭނުމެއް ނުވާނެކަން ޔަގީނެވެ.
ބައެއް މީހުންނަށް މިވަނީ ކުއްޖާގެ ސިފައާއި ކުލަ އެންމެ މުހިންމު ކަންކަމަށް ވެފައެވެ. އެހެން ނަމަވެސް ދަރިއެއްގެ ސިފައާއި ކުލަ މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. މިކަމަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ.
ކުއްޖަކު ފެންނަ އިރަށް މިފަދަ ބަސްތައް ބުނުމަކީ މިހާރު ދިވެހިންގެ ކަށީގައި ހިފާފައިވާ ވަަރަށް ނުރަނގަޅު އާދައެކެވެ. ގަބޫލު ކުރަން ޖެހޭ ކަމަކީ ހުރިހާ ކުދިން އެއްގޮތް ނުވާނެ ކަމެވެ. ކޮންމެ ސިފައެއްގައި ހުއްޓަސް މިފަދަ އިބާރާތް ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. ކުއްޖާގެ ހަމުގެ ކުލަޔަށް، ހަށިގަނޑަށް، ނުވަތަ އެ ކުއްޖާ ކޮށްއުޅޭ ކަންތައްތަކަށް ފާޑު ކިޔުން ހުއްޓާލަން ޖެހެއެވެ.