ލައިފްސްޓައިލް

މި ޒަމާނުގައި ތެޔޮ ނާށި ކާޅު ޖަހައިގަންނާނީ އިންޓަރނެޓުންނެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

ތެޔޮ ނާށި ކާޅު ޖަހައިގަތުން ނުވަތަ ތެޔޮނާށި ކާޅު ގެންދިއުން މީ ޒަމާނުންސުރެ ދިވެހިން ބޭނުންކުރަމުން އަންނަ މަޖާޒީ ބުނުމެކެވެ. މާނަައަކީ ހިތާވެގެން އުޅޭ އަންހެން ކުއްޖާ އެހެން ފިރިހެނަކު އަތުލައިގަތުމެވެ. ނުވަތަ އިނުމެވެ.

ކޮންމެއަކަސް މިހާ ކުރިއަރާފައިވާ ޒަމާނެއްގައި އަދި އެއީ ޒަރޫރީ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާ ދަރަޖައަށް އިންޓަރނެޓްގެ ބޭނުން ޖެހިފައިވާ ޒަމާނެއްގައި ހުރިހާ ކަމެއް ވެސް މިހާރު ހިނގަމުން މިދަނީ އިންޓަރނެޓްގެ ތެރެއިންނެވެ. ސިޓީ ފޮނުވައިގެން ލޯބީގެ މާތައް ފޮޅުވި ޒަމާން މިހާރު މިވަނީ މާޒީއާއެކު ފަސްއަޅާ ފޮރުވިގެން ގޮސްފައެވެ. އޭގެ ބަދަލުގައި މޯބައިލް ފޯނު މިވަނީ ތަޢާރަފް ވެފައެވެ. އެއީ މިހާރު ހަށިގަނޑުގެ އެއްބަޔަށް ވެފައިވާ އެއްޗެކެވެ.

މިއަދު ލޯބިވެރިން ހޯދާ ވަސީލަތަކީ އިންޓަރނެޓެވެ. މީސްމީޑިޔާގެ ތަފާތު މަންސަތަކެވެ. ދުރު ކައިރިވެފައި ، އަޑާއި މަންޒަރު ވަގުތުން ލިބޭ ވަރަށް މިވަނީ ތަރައްޤީ ވެފައެވެ. ކުޑަކުޑަ މިރާއްޖޭގައި ވެސް ކައިވެނި ކުރާނެ މީހުން ހޯދައިދޭ އެކިއެކި ޕޭޖްތައް ވެސް އެބަހުއްޓެވެ.

ކަން މިހެން ހުރުމާއި އެކު ތެޔޮނާށި ކާޅު ޖަހައިގަތުން ވެސް މިވަނީ ޒަމާނީ ވެފައެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ކާޅު ވެސް މި ޒަމާނާ އެއް ގޮތަށް ތަހްޒީބު ވެފައެވެ. މީޑިޔާގެ އެކި މަންސަތައް ބޭނުން ކޮށްގެން ކާޅުތައް އެކި ނާށިތައް ޖަހައި ގަންނަނީއެވެ. މި ކަމުގައި ހަމަ އެކަނި ކާޅު ކުށްވެރި ކުރެވޭކަށް ވެސް ނެތެވެ. 

ނާށިތަކުގެ ވެރިންގެ އިހުމާލު ވެސް އެބައޮތެވެ.

ގޮތެއް ފޮތެއް ލަދެއް ޙަޔާތެއް ނެތް ކާޅުތައް އެކި ދިމަ ދިމާލަށް އުދުހޭ ޒަމާނެއްގައި ނާއްޓަށް ތެޔޮ އަޅާފައި ކާޅު ކުރިމަތީ ބަހައްޓާއިރު ޖަހައި ގަންނާނެކަން ޤަބޫލު ކުރަން ވެސް ޖެހެއެވެ. އިންޓަރނެޓްގެ ތެރެއަށް ނާށި ދޫކޮށްލެވޭ އިރު ނާއްޓަށް ވާނުވާ ބަލަން ޖެހެއެވެ. ކާޅުގެ އުނދަގޫ ފޯރާނަމަ ދުރާލާ ދަލެއް ޖަހައިގެން ނަމަވެސް ކާޅަށް ކައިރި ނުވެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. ނުވަތަ ނާށި ރައްކާކޮށް ފޮރުވަން ޖެހެއެވެ.

ނާށިތަކުގެ ވެރިންނަށް ބުނެލަން އޮތީ ކާޅުގެ ކިބައިން ނާށި ސަލާމަތް ކުރަން މަސައްކަތް ނުކޮށް އިންޓަރނެޓްގެ ތެރެއަށް ކާޅުތަކުގެ ކުރި މައްޗަށް ނާށި ދޫކޮށްލާފައި ތެޔޮނާށި ކާޅު ޖަހައިގަތުމުން ފަހުން އެކަމާ ދެރަވެ ހިތާމަ ނުކުރާށެވެ. އޭގެ ކުރިން ދުރާލާ ފިޔަވަޅު އަޅާށެވެ. މިހާރު އުޅެނީ ވަރަށް ބަސްނާހާ ބޯހަރު ކާޅުތަކެއް ކަން ދަންނާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!