ފަގީރެއް ކަމުގައި ބުނަމުން ދިޔަ މުއްސަންޖެއްގެ ވާހަކަ
ކެނެޑާގެ މޮންޓްރެއަލް ގައި ދިރިއުޅުނު އަރަތްބަކު، އޭނާގެ ރަހުމަތްތެރިއެއްގެ ބައްޕައާ ބެހޭ ގޮތުން ކިޔައިދިން ވާހަަކައެކެވެ.
"އެއީ ވަރަށް ބޮޑު މުއްސަންޖެކެވެ. ބައިވަރު މުދަލާއި ފައިސާ އަދި ބިންތައް އެމީހާގެ ނަންމަތީގައި ވިއެވެ. ނަމަވެސް އުމުރުން ދުވަސްވެ، ގައިބާރު ދެރަވެ، ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތައް ގުނަން ފެށުމުން އޭނާ ބުނަމުން އައީ އޭނާއަކީ ވަރަށް ބޮޑު ފަގީރެއް ކަމުގައެވެ.
އޭނާގެ ދަރިންނަށް އެކަން އެނގުމުން، އޭނާއަކީ ފަގީރެއް ނޫންކަން ޔަގީން ކޮށްދޭން، އެމީހާގެ ހުރިހާ މުދަލަކާއި ފައިސާއެއް އަދި ބިންތައް އޭނާއަށް ދެއްކިއެވެ. އެހެން ނަމަވެސް އެމީހާ ބުނަމުން ދިޔައީ އޭނާއަކީ ވަރަށް ބޮޑު ފަގީރެއް ކަމަށެވެ.
ބައްޕަގެ ބަސްތަކުން ހައިރާންކަން އިތުރުވި ދަރިންތައް ނިންމީ ބައްޕައަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށް ދީނީ ޢިލްމުވެރިއަކާ ވާހަކަ ދައްކާށެވެ. ދީނީ ޢިލްމުވެރިއެއް އެމީހާ ކައިރިއަށް ގެނެވުނެވެ. އިރުކޮޅަކު އެމީހާއާ ވާހަކަ ދައްކާލުމަށްފަހު، އޭނާއަކީ ވަރަށް ބޮޑު ފަގީރެއް ކަމަށް އެބުނަނީ ކީއްވެކަން ޢިލްމުވެރިޔާއަށް ވިސްނުނެވެ.
އެމީހާގެ ދަރިން ގާތު ޢިލްމުވެރިޔާ ބުންޏެވެ.
'ތިޔަކުދިންގެ ބައްޕައަކީ ފަގީރެއް ކަމަށް ބައްޕަ އެބުނުއްވަނީ، ބައްޕަގެ މާލީ ހާލަތު ތަނަވަސް ނުވެގެނެއް ނޫނެވެ. ބައްޕަ އެބުނަނީ ދުނިޔެމަތީގައި ބައްޕައަށް ކުރެވުނު ހެޔޮ ޢަމަލުތައް މަދު ވާހަކައެވެ. ގިނަ ފައިސާތަކަކާއެކު ވެސް އަތްފައިގައި ބާރު ހުރި ދުވަހު ޙައްޖުގެ މަތިވެރި އަޅުކަން ވެސް އަދާ ނުކުރެވުނު ވާހަކައެވެ. ބައްޕަ ހިތާމަކުރަނީ، ބައްޕަގެ ދިރިއުޅުމުގެ ބޮޑުބައެއް ފައިސާ އާއި މުދަލާއި ބިންތައް ހޯދުމަށް ހޭދަ ކުރެވުނުއިރު، ނަމާދުކޮށް ހެޔޮ ޢަމަލެއް ކުރުމަށް ބައްޕައަށް ވަގުތު ހޭދަ ނުކުރެވުމުންނެވެ. ބައްޕައަށް ދެން އިތުރަށް ގިނަ ވަގުތުތަކެއް ވެސް ނެތްކަން އެނގޭތީއެވެ.'
ޢިލްމުވެރިޔާގެ ވާހަކަތައް އަޑުއަހާފައި އެމީހާގެ ދަރިން އެކަމާ ހިތާމަކޮށް ރޯން ފެށިއެވެ. ބައްޕައަށްޓަކައި ހެޔޮ ދުޢާ ކުރާނެ ކަމަށާއި ބައްޕަ ގޮވައިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ދާނެ ކަމަށް އަދި އުންމީދު ކަނޑާނުލަން ބުނުމަށް އެހުރިހާ ދަރިން އެމީހާގެ ކޮޓަރިއަށް ދިޔައެވެ.
ނަމަވެސް އެކުދިން އެކޮޓަރިއަށް ވަތްއިރު ފެނުނީ، އެކުދިންގެ ބައްޕަ މިދުނިޔެއަށް އަލްވަދާއު ކިޔާފައި ވަނިކޮށެވެ."