ޚަބަރު

މައްޔިތުންގެ ހަށިގަނޑު ނަގައި އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ދެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު

މަރުވުމަށް ފަހު ވަޅުލާފައިވާ މައްޔިތުންގެ ހަށިގަނޑު ކޮނެގެން ނަގައި އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް، ފުލުހުންގެ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ފާސް ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ ބިލު އެކޮމިޓީން މިއަދު ނިންމާފައިވާއިރު، އެބިލުގައި ބުނެފައި ވަނީ ހިނގަމުންދާ ކުށުގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

"މައްޔިތެއްގެ ވަޅުލާފައިވާ ހަށިގަނޑު ތަހުލީލު ކުރުމަށް ނުވަތަ އޮޓޮޕްސީ ހެދުމަށް މުހިންމު ކަމަށް ފެނިގެން އެ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް އެ ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ކޯޓު އަމުރެއްގެ ދަށުން ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވޭ" މިއަދު ފާސްކުރި ފުލުހުންގެ އެބިލުގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެބިލުގައި ބުނެފައި ވަނީ ވަޅުލާފައިވާ ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިޔުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ހުއްދަ ލިބިގެން ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!