ދީން

ގޮނޑު ދޮށުން ވެލި ނެގުމަކީ ދީނީ ގޮތުން ކޮން ކަހަލަ ކަމެއް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލުގެ ގޮތުގައި ބެލެވޭ ތަކެތި، ނުވަތަ އަގެއް ހުރި ކޮންމެ އެއްޗެއް، ނުވަތަ މުހިއްމު ބޭނުންތަކުގައި ބޭނުން ކުރެވޭ ތަކެތި، އެއީ ޚާއްޞަ ތަންތަނުން ނެގޭ ތަކެތި ކަމުގައިވިޔަސް ނުވަތަ ޢާއްމު ތަންތަނުން ނެގޭ ތަކެތި ކަމުގައިވިޔަސް އެފަދަ ތަކެތި ނެގުމަކީ ޙަރާމް ކަމެކެވެ.

Ads by Sosun Fihaara

ޚާއްޞަ މާލަކީ މީހެއްގެ މިލްކުވެރިކަމުގެ ދަށުގައި ހުރި އެއްޗަކަށެވެ. އެއިން ނަގާނަމަ އޭގެ ވެރިމީހާގެ އިޛުނަ ނެތި ނެގުމަކީ ޙަރާމް ކަމެކެވެ. މީހަކު މިލްކު ކޮށްފައިވާ ބިމަކުން އެ ބިމުގެ ވެރިމީހާގެ އިޛުނަ ނެތި ވެލި ނެގުމަކީ ޙަރާމް ކަމެކެވެ. ޢާއްމު މާލަކީ ވަކި މީހެއްގެ މިލްކުވެރިކަމުގައި ދަށުގައި ނުހުންނަ، ޢާއްމު ތަންތަނުގައި (މިސާލަކަށް ރަށްރަށުގެ ގޮނޑުދޮށްތަކުގައި) ހުންނަ ވެލި، ފަދަ ތަކެއްޗަށެވެ. އެފަދަ ތަކެތީގެ ޙުކުމް ބިނާވެފައިވަނީ އެ ޤައުމެއްގެ ސަރުކާރަކުން ނުވަތަ އެތަންތަން ބަލަހައްޓާ އިދާރީ ބާރަކުން، އެކަންކަމުގައި ކަނޑައަޅާފައި އޮންނަ އުޞޫލުތަކުގެ މައްޗަށެވެ.

މިގޮތުން ސަރުކާރުން، ނުވަތަ ކައުންސިލުން ޢާއްމު މުދާ ނެގުން، (މިސާލަކަށް ގޮނޑުދޮށުން ވެލިނެގުން) ވަކި އުޞޫލެއްގެ ދަށުން ހުއްދަ ކޮށްފައި ވާނަމަ ވެލިނެގުން ހުއްދަވާނެއެވެ. އެކަން މަނާ ކޮށްފައި ވާނަމަ އެކަން ކުރުން ޙަރާމް ވާނެއެވެ.

ޝުބުހަ: ﷲ ހުއްދަ ކުރައްވާފައިވާ އެއްޗަކީ މަނާ އެއްޗެއް ކަމުގައި، އެއްވެސް މީހަކަށް ކަނޑައެޅިދާނޭ ހެއްޔެވެ؟ ރައްދު: މިކަން މިވަންނަނީ ﷲ ހުއްދަ ކުރެއްވި އެއްޗެއް ޙަރާމް ކުރުމުގެ ތެރެއަކަށް ނޫނެވެ. ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތާ ގުޅިފައިވާ ކަމެއްގައި، ޚާއްޞަކޮށް، ރައްޔިތުންގެ ފުރާނައާ، ރައްޔިތުންގެ މުދަލާ ގުޅިފައިވާ ކަމެއްގައި، ބައެއް ކަންކަން އެމީހުންގެ މަޞްލަޙަތަށްޓަކައި މަނާކުރުމުގެ ބާރު ވަލިއްޔުލް އަމުރަށް ލިބިގެންވެއެވެ. ވެލި ނެގުން މަނާ ކުރެވިފައި ވަނީ އޭގައި ވާ ވަރަށް ބޮޑެތި ގެއްލުންތަކަކަށްޓަކައެވެ. އެއީ ދިވެހި ރާއްޖެއަކީ ތިރި ޖަޒީރާ ޤައުމަކަށްވެފައި، ރަށްގިރުމާއި އުދައެރުން ފަދަ ކަންތައްތައް ކުރިމަތިވެ، ރައްޔިތުންގެ ގެދޮރާއި ފުރާނައަށް ނުރައްކާވެދޭނެ ކަމަށްޓަކައި ސައްދުއް ޛަރާއިޢު سَدُّ الذَّرَائِعِ (ގޯސްކަންކަމަށް/ގެއްލުންތައް މަގުފަހިކުރާ މަގުތައް ބަންދުކުރުން) މި ޤާއިދާގެ ދަށުން އަދި (الضَّرَرُ يُزَالُ) ގެއްލުން ފިލުވައިލެވޭނެޔޭ އޮންނަ ޤާއިދާގެ ދަށުން ވެސް މިކަން ވަލިއްޔުލް އަމުރަށް މަނާ ކުރެވިދާނެއެވެ.

އަދި މިކަމަށް ސަރުކާރުން ނުވަތަ ކައުންސިލްތަކުން ޤަވާޢިދެއް ހަދާ، އެކަން މަނާކޮށްފައިވާނަމަ ހުރިހާ ރައްޔިތުންވެސް އެ ޤަވާޢިދަށް ތަބާވެ، އެ އަމުރަށް ކިޔަމަންތެރިވާން ޖެހޭނެއެވެ. އަދި އެއާ ޚިލާފަށް ޢަމަލު ކުރާނަމަ ފާފަވެރި ވާނެއެވެ. ވެލި ވަގަށް ނަގައިގެން މީހަކު އަތް ކެނޑިދާނެތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ.

މިކަމުގައި ރާޖިޙު ބަސްފުޅަކީ ވެލި ވަގަށް ނަގައިގެން އަތް ނުކެނޑޭނޭ ކަމަށް ބުނާ ބަސްފުޅެވެ. އެއީ ވެއްޔަކީ އެހާ އަގުހުރި މުދަލަކަށް ނުވެފައި، އަގުނެތް ތަކެތި ވަގަށް ނެގުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އަތް ނުކަނޑާކަމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ބަސްފުޅުން ދަލާލަތު ކުރަނީ މިގޮތް ކަމަށް ވާތީއެވެ.

މި މައްސަލާގައި އަތް ކަނޑަން ޖެހޭކަމަށް ވިދާޅުވަނީ ޙަންބަލީންނެވެ. ޚިލާފު އުފެދިފައިވާ ސަބަބަކީ ވެއްޔަކީ އަގެއްހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާ މެދުގައެވެ. އަތް ނުކެނޑި ކަމުގައިވިޔަސް ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ވެލި ވަގަށް ނަގާ މީހާއަށް ތަޢުޒީރީ ޙުކުމެއް ކުރެވިދާނެއެވެ. މިސާލަކަށް ޖޫރިމަނާ ކުރުން ފަދަ ޙުކުމެއް ކުރެވިދާނެއެވެ. އިސްލާމީ ފިޤުހުގައި ވެލީގެ ޙުކުމްތަކާ ބެހޭގޮތުން ލިޔެފައިވާ އެންމެ ރަނގަޅު އެއް ފޮތަކީ أحكام الأتربة في الفقه الإسلامي نهال بنت عبدالرحمن بن عبدالله البراهيم جامعة الإمام محمد بن سعود الإسلامية العام: ١٤٣٣ – ١٤٣٤ هـ

މަސްދަރު: ދި ސަލަފިއްޔާ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!