ޚަބަރު

ﷲގެ ހަޟްރަތަށް ކާމިޔާބަށް އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަނުދީ އެހެން ކަންކަމުގައި މަޝްޣޫލުވެ އުޅޭނީ މޮޔައިން: ޝެއިޚް އިލްޔާސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ﷲގެ ހަޟްރަތަށް ކާމިޔާބަށް އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަނުދީ އެހެން ކަންކަމުގައި މަޝްޣޫލުވެ އުޅޭނީ މޮޔައިން ކަމުގައި ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، ނަމާދަށް ދާން ޖެހޭނީ އެވަގުތު ކުރަން އޮތް މަސައްކަތެއް އަވަހަށް ކޮށް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލީހުގައި ރޭ ކުރިއަށްދިޔަ ޖަލްސާ މެދުކަނޑާލުމުގެ ކުރިން މެންބަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ނަމާދަށް ދާން ޖެހެނީ އެކުރާކަމެއް އަވަހަށްކޮށް ނިންމުމަށް ފަހުގައި ކަމަށެވެ.

"ނަމާދަށް އަރުއްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު ޢިޝާ ނަމާދަށް ގޮވަނީ 07:12 ގައިކަން. މަޣުރިބު ނަމާދަށް ހަމަ ދެންމެއަކު އެގޮވީ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވާލަން ބޭނުން ނަމާދުގައި އޮންނަ ގޮތަކީ އެކުރާކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން. އެގޮތަށް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެނގިފައި އޮންނަނީ." މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދަށް ނިސްބަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމާދު އަދާކުރުމާ ގުޅޭ އާޔަތެއް ހިއްސާކޮށް، ޝެއިޚް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދަކީ ވަކި ވަގުތެއްގައި އަދާކުރަން އޮންނަ އަޅުކަމެއް ކަމަށާއި ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ގޮތަކީ ވެސް ނަމާދު ވަގުތުގައި އަދާކުރުން ކަމަށެވެ.

"ﷲގެ ހަޟްރަތުން ކާމިޔާބަށް އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަނުދީ އެހެން ކަންކަމުގައި މަޝްޣޫލުވެ އުޅުމަކީ މޮޔަ ކަމެއް" ޝެއިޚް ގެ ޓްވީޓުގައި ވިދާޅުވިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!