ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން މޮޅުވެ މާޒިޔާއިން ފެށުން ރަނގަޅު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެވުނު ލީގުގެ ފުރަތަމަ މެޗުގައި ޔޫވީގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ފެށުން ރަނގަޅު ކޮށްފިއެވެ.

Ads by Sosun Fihaara

މިއަދުގެ މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މާޒިޔާއިން ވަނީ ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ހަތަރު ގޯލް ކާމިޔާބު ކޮށްފައެވެ. މެޗުގެ ނަތީޖާ އަކީ 4-0 އެވެ. މި މެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ދެ ގޯލް ކާމިޔާބު ކޮށްފައެވެ. އެ ދެގޯލަކީ މެޗުގެ ދެވަނަ ހާފުގައި އޭނާ ކާމިޔާބު ކުރި ދެގޯލެވެ.

މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ދެގޯލަކީ މުހައްމަދު އުމެއިރު އާއި އަމްދާން ކާމިޔާބު ކުރި ދެގޯލެވެ. މި މެޗުގައި މީގެ އިތުރުން ވެސް ގިނަ ގޯލުތަކެއް ޖަހާނެ ފަހި ފުރުސަތުތަކެއް މާޒިޔާ އަށް ވަނީ ލިބި ނާކާމިޔާބު ވެފައެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ނިޒާމްބެ ބުނީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެ މޮޅުވުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި މިއަދު އެ މަގްސަދު ހާސިލް ކުރެވުމަކީ ވަރަށް ބޮޑު އެޗީވްމަންޓެއްގެ ގޮތުގައި ނިޒާމްބެ ސިފަކުރިއެވެ. އަދި ފުރަތަމަ މެޗުން މޮޅުވުމުން ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭކަން ނިޒާމްބެ ފާހަގަ ކުރިއެވެ.

މީގެ އިތުރުން ނިޒާމްބެ ބުނީ މިއަދު މާޒިޔާއާ ދެކޮޅަށް ކުޅުނު ޔޫވީގެ ޓީމަކީ ވެސް ބަލި ޓީމެކޭ ނުބުނެވޭނެ ކަމަށެވެ. ޔޫވީ އަކީ މި ސީޒަނަށް އެންމެ ތައްޔާރުވީ އެއް ޓީމު ކަމުގައި ފާހަގަ ކުރަމުން ނިޒާމްބެ ބުނީ އެންމެ ހިތްހަމަ ޖެހެނީ ރަނގަޅު ކުޅުމަކާއެކު މެޗުން މޮޅުވުމުން ކަމަށެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި އީގަލްސްއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައެވެ. އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އެމެޗުން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިންނަށް ލިބިގެންދިޔަ މުހިންމު ތަޖުރިބާއެއް ކަމަށެވެ.

މިއަދުގެ މެޗުގައި ޗެރިޓީ ޝީލްޑު މެޗުގައި ހިމަނާފައިވާ ބައެއް ކުޅުންތެރިން ހިމަނާފައިވާއިރު މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!