އަމިއްލައަށް މަރުވާން ބޭނުންވާ މީހުންގެ އަދަދު މިދިޔަ 10 އަހަރުގެ ތެރޭގައި ދެގުނަ އިތުރުވެއްޖެ
ފާއިތުވި 10 އަހަރާ ބަލާއިރު އިނގިރޭސިވިލާތުގައި އަމިއްލައަށް މަރުވާން ބޭނުންވި މީހުންގެ އަދަދު މިއަހަރު ދެ ގުނަ އިތުރުވެއްޖެއެވެ.
އެގައުމުގެ އެންއެޗްއެސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަދަދުތައް މިހާ މައްޗަށް ގޮސްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް ބެލެވެއެވެ.
އެގައުމުގައި ހެދި މި ދިރާސާއިން އިތުރަށް ދައްކާގޮތުގައި އަމިއްލަ އަށް މަރުވާން ބޭނުންވާ އަންހެނުންނަށްވުރެ ފިރިހެނުންގެ އަދަދު ވެސް ދެގުނަ އިތުރެވެ. އެގޮތުން މީގެ 10 އަހަރު ކުރިއަށް ވުރެ މިހާރު ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައެވެ.
ނަފްސާނީ އެހީތެރިކަން ބޭނުންވާ ސަބަބުތައް ދެނެގަތުމަށާއި މި އަދަދުތައް އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ވެސް އެންއެޗްއެސް އިން އަންނަނީ ކުރަމުންނެވެ.
އަމިއްލައަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.