ހުކުމެއް މިހާރު ނުވިއްކޭނެ، ވިއްކައިފިއްޔާ އަޅުގަނޑަށް އެކަން އެނގޭނެ: ނަޝީދު

ކޯޓުތަކުން މިހާރު ހުކުމް ނުވިއްކޭނެ ކަމަށާއި އަދި ހުކުމް ވިއްކައިފިނަމަ އެމަނިކުފާނަށް ވެސް މިހާރު އެކަން އެނގިވަޑައިގަންނަވާނޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އިންސާފުގެ ވައުދާއެކު މުޅި އެންޓި ކޮރަޕްޝަންގެ ބޯޑު ވެސް ބަދަލު ކުރެވިފައިވާ ކަމަށާއި، ގާނޫނު ވެސް ވާނީ ބަދަލުކޮށްފައި ކަމަށާއި ސްޕްރީމް ކޯޓު ވެސް ބަދަލު ކުރެވިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓަކީ ދެފުށް ފެންނަ ގޮތަށް ޝަރީއަތް ކުރާ ތަނަކަށް އެތަން ހެދިއްޖެ ކަމަށާއި ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ އެ ޝަކުވާތައް ބަލަމުން އެބަ ގެންދާ ކަމުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނު ދެކިލައްވާ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ހުކުމެއް މިހާރު ނުވިއްކޭނެ ކަމަށާއި ވިއްކައިފިނަމަ އެކަން އެމަނިކުފާނަށް އަދި އެންމެންނަށްވެސް އެނގޭނެ ކަމަށާއި އަދި ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަންކަން ބަލައި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވެސް ފިޔަވަޅު އަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.