ޖެލީފިޝް އުޅޭތީ ހުޅުމާލެއަށް ރެދަން ބަަލަން ދިއުމުގައި ސަމާލުވާން އަންގައިފި

ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަނުން ދިއްލޭ ޖެލީފިޝް ތަކެއް އުޅޭތީ ގޮނޑުދޮށަށް ގޮސް އުޅުމުގައި ސަމާލުވުމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ބްލޫ ބަޓަން ޖެލީ ފިޝް" އަކީ ކަށިޖަހާ ބާވަތުގެ އެއްޗެއް ކަމަށެވެ. އަދި ކުޑަކުދިންނާއި މުސްކުޅިންގެ އިތުރުން އެލާޖިކް ވާ މީހުން ވަކިން ހާއްސަކޮށް މި ޖެލީ ފިޝް އަށް ސަމާލުވުމަށް އެޗްޑީސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ޖެލީ ފިޝް ތަކަކީ ބަލާބެލުމަށް ކިތަންމެ ރީތި އެއްޗެހިތަކެއް ނަމަވެސް މި އެއްޗިއްސަށް ސަމާލުވުމަށާއި މި އެއްޗިއްސާއި ކައިރި ނުވުމަށް އެޗްޑީސީ އިން އިލްތިމާސް ކުރެއެވެ. މި ޖެލީފިޝްތަކަކީ ނުރައްކާތެރި ޖެލީ ފިޝްތަކެއް ނޫނެވެ. އެހެން ނަމަވެސް މި އެއްޗެހި ކަށި ޖަހައިފިނަމަ ގައި ކަހާނެ ކަމަށް ވެއެވެ.
އެޗްޑީސީ އިން މި ގޮތަށް އިލްތިމާސް ކޮށްފައިވާއިރު، މި ދުވަސްވަރު ހުޅުމާލޭ ގޮނޑުދޮށުގައި ރެދަން ލާތީ އެމަންޒަރު ބެލުމަށާއި ފޮޓޯ ނެގުމަށް ގިނަ ބަޔަކު ހުޅުމާލޭގެ ގޮނޑުދޮށަށް ޖަމާވެއެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ރާޅުފެނުގައި ހުސްފަޔާ ހިނގާ ހަދައެވެ. އެހެންކަމުން މިފަދަ ޖެލީފިޝް އުޅޭކަން ދަނެ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.