ޚަބަރު

އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

Ads by Hajj Corporation

އެ ބިލަކީ، މިމަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މިއަދު ތަސްދީގު ކުރެއްވި އިސްލާހާއެކު ކައުންސިލުތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާން ކޮށްފައި ވެއެވެ. އަދި ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ފައިސާ ބޭނުން ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދާނީ އެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީންނެވެ.

މީގެއިތުރުން، އެ އިސްލާހާއެކު އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މާއްދާތަކާ ފުށުއަރާ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާއި ފުށުއަރާ ގާނޫނުތައް ފާހަގަކޮށް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވާނެ ކަމުގައި ވެސް ބަޔާން ކޮށްފައި ވެއެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!