އެއް ޖިންސުން ގުޅުން ހިންގުމުގެ ހުއްދަ ދޭން އެމްޑީޕީން އުޅުނުކަމުގެ ތުހުމަތު
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާާބާ ދިމާކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޔޫރަޕްގެ އިއްތިހާދު މެދުވެރިކޮށް އެއްޖިއްސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތައް ފާޅުގައި ކުރުމަށް ރާއްޖޭގައި ހުއްދަ ދިނުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން "ވިސްނާ" ނަމުގައި ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ގައުމުގެ ދީނީ ވަހުދަތަށް ގެއްލުންވާނެ ފަދަ އެތައް ކަމެއް ކުރި ކަމަށާއި އެކަންކަން ކޮށްފައި ވަނީ ހުޅަނގުގެ ގައުމުތަކުގެ މަދަދާއި އެއްބާރުލުމާއި އެކުގައި ކަމަށެވެ.
އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ކުރި ކެމްޕޭންގައި މަސްވެރިންގެ ރުހުން ހޯދުމަށް ހުޅަނގުގެ ގައުމުތަކަށް ހުށައެޅުމުން އެ ގައުމުތަކުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ހުރަސްއެޅޭނެ އެތައް ކަމެއް ހުށައަޅާ، އެހުށައެޅުންތައް ގަބޫލުކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުން ގެންދެވި ކަމަށެވެ.
"ނަމަވެސް ރައީސް ޔާމީން އެ ހުށައެޅުމަށް ފާޅުގައި ގޮންޖެއްސުވި، ރާއްޖެއިން އިސްލާމީ ވަހުދަތު ފުހެލުމަށް އެމްޑީޕީއިން ބޭރުގެ އެކި ގައުމުތައް މެދުވެރިކޮށް ކުރި މަސައްކަތް އެންމެ ގާތުން ދުށް އެކަކީ ކުރީގެ ދިފާއީ ވަޒީރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު" އަދުރޭ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އަދުރޭގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަނީ ގައުމުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.