އާފިޔާގެ މައްޗަށް ކުރި ދެވަނަ ދައުވާ ވެސް ސާބިތުވެ، އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
ވ. ރަކީދޫ ގައި 2015 ވަަނަ އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު މަރާލި އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުޙައްމަދު މަނިކު ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެވަނަ ދައުވާ ވެސް ސާބިތުވެއްޖެއެވެ.
އާފިޔާގެ މައްޗަށް ދެވަނައަށް ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މިދައުވާއާ ގުޅިގެން އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މީގެއިތުރުން އޭނާގެ މައްޗަށް ކޮށްފައިވާ ގަސްތުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއެވެ. އެދައުވާގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، މިއަދު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިބްތިހާލް މަރާލާފައިބަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގައެވެ. އެކުއްޖާ މަރާލީ ގަސްދުގައި ނޭވާ ހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީގެންކަމަށް ވަނީ ހާމަވެފައެވެ.
އިބްތިހާލު މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކޮށްފައި ވަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
މިމައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީޢަތެއްގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.
އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ފިރިމީހާ (އިބްތިހާލްގެ ދޮންބައްޕަ) ހުށަހެޅިއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވެސް ހެކިބަސް ދިނީ އާފިޔާއާ ދެކޮޅަށެވެ.
އާފިޔާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ، އާފިޔާ އިބްތިހާލަށް އަނިޔާކޮށް އެކުއްޖާ ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތް ގަނެފައިވާ ކަމަށް އާފިޔާގެ ބަހުން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.