ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ އައްޑޫއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރެއް ގެންގޮސްފި

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީއަށް އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ފޮނުވައި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފައިވާ ކަމަށާ އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ބުނެފައިވެ އެވެ.
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެހެންނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން މި ރޯދަ މަހު ވެސް ދަނީ ކަރަންޓު ކަނޑަމުންނެވެ. މައްސަލައަށް ހައްލު ހޯދައިދެވިފައި ނުވާތީ އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފެނައިގެ އިސްވެރިންނާ ބައްދަލުކުރުމުގެ އިތުރުން މަޖިލިހަށް ކުއްލި މައްސަލަ ހުށަހަޅާފައިވެ އެވެ. ކަމާ ގުޅިގެން އައްޑޫ ސިޓީގައި މުޒާހަރާ ވެސް ވަނީ ކޮށްފަ އެވެ.
ފެނަކައިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ރޯދަ މަސް ފެށުމުގެ ކުރިންނާއި ފެށުނު ފަހުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހިނގަމުން މިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ކުރެވުނު މަސައްކަތްތައް އެ ޕޯސްޓުގައި ވަނީ ހިއްސާކޮށްފަ އެވެ.
- 5 ޖެނެރޭޓަރެއްގެ މޭޖަ ސާވިސްތައް
- 3 ޖެނެރޭޓަރެއްގެ އޯވަހޯލް މަސައްކަތް
- 18 ޖެނެރޭޓަރެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތްތައް
- 8 ޖެނެރޭޓަރަކަށް ސްޕެއާ ޕާޓްސް ހޯދުން






ކޮމެންޓް