ސާފުތާހިރު ކަމުގެ މިންގަނޑެއް ނެތުމުން އައިޖީއެމްއެޗްގެ ކެންޓީނު ބަންދު ކޮށްފި

ސަރުކާރުގެ ހޮސްޕިޓަލު ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގެ ބޭރުމަގަށްވާ ފަޅީގައި ހިންގާ ކެންޓީނު މިއަދު ބަންދު ކޮށްފިއެވެ.
"ސަންސެޓް ހައުސް" ގެ ނަމުގައި ހިންގަމުންދާ އެ ކެންޓީނު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ބަންދު ކުރަން ނޯޓިސް ދީފައިވަނީ މިއަދު އެވެ.
އައިޖީއެމްއެޗް ކެންޓީނު ބަންދުކުރަން ނޯޓިސް ދީފައިވާކަން "ދެން" އަށް ކަށަވަރު ކޮށްދެއްވަމުން އެއެޖެންސީގެ އޮފިޝަލު ތަސްލީމާ އުސްމާން ވިދާޅުވީ، އައިޖީއެމްއެޗް ކެންޓީނު ބަންދު ކޮށްފައިވަނީ "ސާފު ތާހިރު ކަމުގެ މިންގަނޑެއް ނެތުމުން" ކަމަށެވެ.
ތަސްލީމާ ވިދާޅުވީ އެއެންގުމާ ގުޅިގެން ކެންޓީނު ހިންގާ ފަރާތުން ދެން ކަންތައް ކުރަންޖެހޭ ގޮތްް ވެސް އެޗްޕީއޭ ގެ ފަރާތުން އަންގައިދީފައިވާ ކަމަށާއި، ކެންޓީނު ބަންދު ކުރަން ޖެހުނު ސަބަބު ހައްލު ކުރުމުން އެތަން އަލުން ހުޅުވާ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރުމުގެ ސަބަބުން އެޗްޕީއޭ އިން ދަނީ ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޓު އަދި ހޮޓާފަދަ ޢާއްމުންނަށް ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބަލަހައްޓާ މިންވަރު ބަލަައި ފާސް ކުރަމުންނެވެ.
އެގޮތުން ކާބޯތަކެތީގެ ޒަރީޢާއިން ކުރިމަތިވެދާނެ ސިއްޙީ ނުރައްކަލަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަށް ރައްކާތެރި ކުރުމަށް ޢަމަލު ކުރަމުންދާ "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފު ޠާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު" ނަންބަރު: (2014/R380) އާއި ޚިލާފުވާ ތަންތަން އެޗްޕީއޭ ގެ ފަރާތުން ދަނީ ބަންދު ކުރަމުންނެވެ.
އެތާ އެއްޗެހި ވެސް އެހާ އަގުބޮޑު