ޚަބަރު

ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފުވެފައިވާތީ ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ޚިލާފުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޙުސައިން ރަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކިބައިން ރައްޔިތުންގެ އިއްތިހާދުން އެދިއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ އިއްތިހާދުން މިއަދު މިނިސްޓަރު އިމްރާންއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ޤާނޫނުގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދު ގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުޤުތާގައި ބަޔާންކޮށްފައިވާ މާއްދާ އާ ޚިލާފުވެފައި ވާތީއާއި އަދި އެ ޤަވާއިދުގެ 5 ވަނަ މާއްދާގެ އިޖުމާލީ މަފްހޫމާ ސީދާ ދެކޮޅަށް ޣައިރު މުސްލިމުންގެ ޝިޢާރު ފާޅު ކުރުމާއި އަދި އެކުށަށް އަރައިގަތުމަށް އެހެން މީސްތަކުންނަށް ހިތްވަރު ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކެނެރީގޭ މުޙައްމަދު ނަޝީދު ވާހަކަ ދައްކައި، މީޑިޔާގެ ވަޞީލަތްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ ލާދީނީ ޚިޔާލު ފާޅުކޮށްފައިވާތީއާއި، އަދި މިދެންނެވި ޣައިރު ޤާނޫނީ ޢަމަލަށް ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޙުސައިން ރަޝީދު އަޙްމަދު މީޑިޔާގައި ތާއީދުކޮށް، ރައްޔިތުންގެ މެދުގައި އޮތް އިސްލާމީ ވަޙްދަތު ގެއްލި ދީނީ ބައިބައިވުން އުފެދޭނެ ގޮތަށް ވާހަކަ ދައްކަވާފައިވާތީ އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން އެދޭ ކަމަށެވެ.

ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުޤުތާގައި ބަޔާންކޮށްފައިވާ މާއްދާގައި ދިވެއްސަކު ކަމުގައިވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ވަޙްދަތު ދެމެހެއްޓުމާއި އެކުގައި ކަމަށް ބުނެފައިވެއެވެ.

"މިފަދަ ޙައްސާސް ތުހުމަތުތަކެއް މި ދެންނެވި މީހުންގެ މައްޗަށް ކުރެވުނު ހިނދު، އަދި ބޭރުފުށުގެ ޢަމަލުތަކުން އެކަންކަން މީޑިޔާއިން ސާފުކޮށް ފެންނަން ހުރި އިރު، ރައްޔިތުންގެ އިއްތިޙާދުން މިނިސްޓަރުގެ އަރިހުން މިއެދެނީ، ތިޔައީ ޤާނޫނު ހިންގަވަން ހުންނެވި އެންމެ އިސް އެއް ވަޒީރު ކަމުގައި ވެފައި، އަދި އެ ޕާޓީއެއްގެ ދުސްތޫރާއި ޤަވާއިދުތަކުގައި އިސްލާމް ދީނަށް އެންމެ ބޮޑު ޙިމާޔަތެއް ދީފައިވާ ޢަދާލަތު ޕާޓީގެ ރައީސް ވެސް ކަމުގައިވާތީ، (ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނާއި ޤަވާއިދަކީ) ތިޔަބޭފުޅުން އެންމެ ބޮޑަށް ޙިމާޔަތް ކުރައްވަން ޖެހޭ އެއް އަސާސް ކަމުގައި ވެފައި، މި ދެންނެވި ފަރާތްތަކުން ކަނޑައެޅިގެން ފާޅުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފު ވެފައިވާއިރު، އެއްވެސް ކަމެއް، ތަޙްޤީޤެއް، އިޖުރާއަތެއް ހިންގަވާތަން ދިވެހި ރައްޔިތުންނަށް ފެންނަން ނެތުމަކީ، ނުހަނު ކަންބޮޑުވުން އަށަގަންނަމުންދާ ކަމެއް ކަމުގައި ހިތާމައާއެކު ދަންނަވަމެވެ." އެ ސިޓީގައި ބުނެފައިވެއެވެ.

ކްރިސްމަސް ދުވަސް ފާހަގަ ކުރުން ހުއްދަ ކަމަށް ބުނެ އަދި އެކަމަށް ހިތްވަރު ދީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ރައީސް ނަޝީދު އާއި ޙުސައިން ރަޝީދު އަޙްމަދު ދައްކާފައިވާ ވާހަކަތަކަކީ، ޢިލްމުވެރިންގެ ގުޅުމާއި، ރާއްޖޭގެ ދީނީ އެހެނިހެން މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ވެސް އެއީ ހުއްދަ ނޫން ކަމެއް ކަމެއް ބުނެފައިވާ ކަންކަން ކަމުގައި އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އަދި މި ސަބަބުތަކަށްޓަކައި ރައީސް ނަޝީދު އާއި ޙުސައިން ރަޝީދު އަޙްމަދަށް ދައްކާފައިވާ ވާހަކަތައް ތަޙްޤީޤުކޮށް، އެ ދެ ފަރާތަށް ފިޔަވަޅު އަޅައި ދިނުމަށް އެ އިއްތިހާދުން ވަނީ އެދިފައެވެ.

"މި މައްސަލަ ތަޙްޤީޤު ކުރައްވައި ދެއްވުމަށް އެދެން މިޖެހުނީ، ޣައިރު ދީންތަކުގެ މީހުންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔަނީ އެމް.ޑީ.އެން އާއި އުތެމަގެ ރިޕޯޓުގައި ގޮވާލާފައިވާ ކަންކަމަށް މަގު ކޮށުމުގެ ގޮތުން އެހެން ދީންތަކުގެ ކަންކަން ފާހަގަކުރުން ދިވެހި ރައްޔިތުންގެ މެދުގައި ނޯމަލައިޒް ކުރުމުގެ ބޭނުމުގައި ކަމުގައި އާއި، އެއީ އެހެން ދީންތަކަށް މި ބިމުން ޖާގަ ދޭން ހިންގާ މަކަރުވެރި ޙީލަތްތެރި ޖަރީމާއެއް ކަމުގައި ރައްޔިތުންގެ އިއްތިޙާދުން ޤަބޫލުކުރާތީއެވެ." އެ އިއްތިހާދުގެ ސިޓީގައި ބުނެފައިވެއެވެ.

 

 

Ads by Allied Insurance
  1. ޢައްސި

    މާލަސްވެއްޖި މިހާރުވެސް. އަވަސް.

  2. ޢަލީ

    ތިޔަމީހުން ތިތަނަށް ލީ ދިވެހި ރައްޔިތުން ނަށް ވަރަށް ސާފުކޮށް ކުރާނެކަންތަކާ ހަދާނެގޮތް ރަނގަޅަށް އެނގިތިބެ، އެބައެއްގެ ދީން ވިޔަށް އަދި އެހެން ކަންކަން ވިޔަސް އެބަޔަކު ބަދަލް ނުކުރާހާ ހިނދަކު ބަދަލް ނުވާނެކަން ރަސޫލާގެ ސުންނަތުން ސާފުކޮށް އެނގެން އެބައޮތެއްނޫންތޯ