ހަގީގީ ހާދިސާ: ބަރަހަނާ ފޮޓޯ ފޮނުވުނީ "ލޯބިން"، އެކަމުގެ ސަބަބުން ފަހުން ކުރިމަތިލާން ޖެހުނީ ބޮޑު ތޫފާނަކާ!
މިއީ ވަރަށް ގިނަ މީހުންނަށް "ލޯބިން" ގޮސް ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭމީހާއަށް ނުވަތަ ބައެއް ފަހަރު ފިރިމީހާއަށް ވިޔަސް އެމީހެއްގެ ބަރަހަނާ ފޮޓޯ ފޮނުވެނީއެވެ. ނުހަނު އިތުބާރާއާއެކު ކުރާ މިކަންތަކުގެ ސަބަބުން ގިނަ ފަހަރަށް ވަރަށް ބޮޑު ލަދަކާއި ނުރައްކަލާ ވެސް ކުރިމަތިލާން ޖެހެއެވެ.
މިއީ ވެސް އެފަދަ ކަމެއް ދިމާވި ދިވެހި އަންހެން ކުއްޖެކެވެ. އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދިރިއުޅުމަށް ވަރަށް ބޮޑު ތޫފާނެއް އައި ފަދައެވެ. އޭނާ މިވާހަކަ "ދެން" އާ ހިއްސާ ކޮށްފައިވަނީ ނަން ހާމަ ނުކުރުމަށް އެދިއެވެ.
"އަހަންނަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ މިހާރު އުމުރުން 29 އަހަރުގެ އަންހެނަކީމެވެ. އުމުރުން 18 އަހަރުގައި އަހަންނަށް ކުރެވުނު އެކުށުގެ ސަބަބުން ކަންތައް ވެގެންދިޔަ ގޮތް އަހަރެން ދުވަހަކު ވެސް ހިތުން ފިލައިގެނެއް ނުދާނެއެވެ. މިކަމުގައި އަހަރެންގެ ކުށް ވެސް ވަރަށް ބޮޑެވެ. އެކަން އަހަރެން ޤަބޫލު ކުރަމެވެ. ނަމަވެސް އަންހެނަކަށް ވީތީ، ކުށްވެރިވާން ހަގީގަތުގައި ޖެހޭނީ އަހަރެން އެކަނި ކަމަކަށް ޤަބޫލެއް ނުކުރަމެވެ.
ރަށުގައި ތަޢުލީމު ހާސިލު ކުރުމަށްފަހު އަހަރެން މާލެ އައީ ވަކީލަކަށްވުމުގެ ފޮނި ހުވަފެންތަށް ދެކި، ޝަރީޢާ އެންޑް ލޯ ކޯހެއްގައި ބައިވެރި ވެގެންނެވެ. ކިޔެވުން ވެސް ވަރަށް ރަނގަޅަށް ކުރިއަށް ދިޔައެވެ. އަހަންނާމެދު އަހަރެންގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުން ވެސް ފަޚުރުވެރި ވިއެވެ.
ކިޔަވަން އައިސް ފަސް މަހެއްހާ ދުވަސްތެރޭ އަހަންނަށް މީހަކު ދެކެ ލޯބި ވެވުނެވެ. އޭނާގެ މައްޗަށް އަހަރެން ލެނބެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ މިޒާޖު އަހަންނަށް ވަރަށް ކަމުގޮސްގެންނެވެ. އޭނައާ ގިނައިން ދިމާވަނީ ކޮލެޖުންނެވެ. އެކައްޗެއް ނުކިޔެވި ނަމަވެސް ދެމީހުން ވެސް އެއް ގަޑިއަކަށް ދާތީ ވަރަށް ގިނައިން ދިމާވާން ފެށިއެވެ. އަދި އެކުވެރިކަން ބަދަލުވެ، އިސާހިތަކު ދެ މީހުން ވެސް ލޯބީގެ ގޮތުން ގުޅުނީއެވެ.
އަހަންނަށް ހީވީ ދިރިއުޅުމަށް ބަހާރު މޫސުން އައިސްގެން އުޅުނު ހެންނެވެ. ލޯބިވާ މީހާއާ ވެސް އަބަދުމެ ވާހަކަ ދެކެވި އޭނާއާއެކު ކާން ގޮސް، ބުރު ޖަހާލަން ދިޔުމާއި އެކުގައި ފިލްމު ބަލަން ދިޔުން އަހަރެންގެ ދިރިއުޅުމުގައި ހިނގަމުންދިޔަ އާއްމުކަމަކަށް ވިއެވެ. އެކަމުގެ ސަބަބުން ކިޔެވުމަށް ކޮންމެވެސް ވަރަކަށް ބުރޫއެރި ނަމަވެސް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. އެއަށްވުރެ ބޮޑަށް އަހަރެން ދިޔައީ ލޯބިވެރިޔާގެ އަޅާލުމަށް އާދަވަމުންނެވެ. އަހަރެން ބަލި ވިޔަސް އޭނާ އަހަންނާ ބައްދަލުކޮށް ބޭސްދީ ވެސް ހެދިއެވެ. ކަންކަމުގައި ރަނގަޅު ގޮތް ބުނެދިނެވެ. އޭގެ އިތުރުން އަހަރެންގެ ގައިގައި ނުގޮތަކަށް އަތްވެސް ނުލާތީ އޭނާދެކެ ވާން ފެށި ލޯބި އިތުރުވިއެވެ.
އަހަރުމެންގެ ދެމެދު ކަންކަން ބަދަލުވާން ފެށީ ބެލުނު ފިލްމަކަށްފަހު، ދެމީހުންނަށް ވެސް ދެކެވެން ފެށުނު ވާހަކައަކުންނެވެ. އެރޭ އެފިލްމުން ފެނުނު މަންޒަރުތަކުގެ ވާހަކަ ފަހުން ފޯނުން ގުޅައިގެން ދައްކަމުން، ދެމީހުންގެ ސިކުނޑިއަށް ވެސް ޝައިޠާނާ ވެރިވީއެވެ. ޝަޚުވާނީ އެދުން ވެރިވެގެން، އޭނާ އެދުނީ އަހަރެން ގާތު އަހަރެންގެ ބަރަހަނާ ފޮޓޯކޮޅެއް ފޮނުވުމަށެވެ. އޭނާ ބުނީ ފޮޓޯ ފޮނުވުމާއެކު މާގިނައިރު ވަންދެން ނުބަހައްޓާ ޑިލީޓު ކުރާނެ ކަމަށެވެ.
އަހަރެން އޭނައަށް އިތުބާރު ކުރީމެވެ. އެހެންވެ އެއްވެސް ޖެހިލުމެއްނެތި އޭނާއަށް އަހަރެންގެ އެފޮޓޯތައް ފޮނުވީމެވެ. އޭނާ އެދުނު ފަދައިން ކާކުކަން ވެސް އެނގޭނެ ގޮތަށެވެ. އޭނާގެ ފޮޓޯ ވެސް އަހަންނަށް ފޮނުވިއެވެ. އަހަރެން އެތަކެތި ނުބަހައްޓަމެވެ.
އެރޭ ކުރެވުނު ކަންތަކާ އަހަރެން ފަހުން ވަރަށް ދެރަވެ ލަދުގަތެވެ. އެވާހަކަ އޭނަ ކައިރީގައި ވެސް ބުނެ، ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވެސް ބުނީމެވެ. އޭނާ އަހަންނާ ގާތްވާން އުޅުނަސް ދުރަށް ލަމެވެ. އެހެންކަމުން އެކަމާ އޭނާ އަހަރެން ދެކެ ރުޅިއަންނަން ފެށިއެވެ.
ދުވަހަކު ވަކިނުވާނެ ކަމަށް ހީކުރި އެގުޅުން އެންމެ ފަހުން ކެނޑުނީ، ކޮލެޖުގައި އުޅޭ އެހެން އަންހެން ކުއްޖަކާ އޭނާ ގުޅިގެން އުޅޭކަން އަހަންނަށް ފަޅާ އެރުމުންނެވެ. އަހަންނާ ގުޅިގެން އުޅޭކަން އެއަންހެން ކުއްޖާއަށް ވެސް ނޭނގޭތީ އެކަން އަހަރެން އެކުއްޖާއަށް އެންގީމެވެ. އެހެންވެ އެމީހުންގެ ގުޅުން ވެސް ކެނޑުނެވެ.
ދެ މީދާ ފެހި ބުޅަލަށްވީވަރު އޭނާއަށް ވުމުން، ރުޅި އައިސްގެން އެރޭ އޭނާ ބުނީ އެކަމަށް ބަދަލު ހިފާނެ ކަމަށެވެ. އޭނަ އެބުނި އެއްޗެއްގެ މާނަ އަހަންނަށް އެނގުނީ އޭގެ އަނެއް ދުވަހުއެވެ. ހެނދުނު ހޭލެވުނީ ނުދަންނަ އެތައް ބައެއްގެ ފޯނު ކޯލުތަކުގެ ސަބަބުންނެވެ. ފުރަތަމަ ފޯނު ކުރި މީހާވެސް އަހާލީ 'ކިހާ ވަރަކަށް' ތޯއެވެ. އަހަރެން ހުރީ ހައިރާން ވެފައެވެ. އެތައް ބަޔަކާ ދިމާލަށް އެއްޗެހި ކިޔާ، އަހަންނަކީ ހަށިވިއްކާ މީހެއް ނޫނޭ ބުނެ ޖަވާބު ދެމުން ދިޔައިމެވެ.
ވެގެން އުޅޭ ގޮތެއް ސާފުވީ ރަށުގައި ހުރެފައި މަންމަ ފޯނު ކުރުމުންނެވެ. މަންމަ ވާހަކަ ދެއްކީ ރޮމުންނެވެ. އެފަދައިން ކަންތައް ކުރީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައެވެ. ކިހިނެއްވީތޯ ސުވާލު ކުރުމުން ބުނީ އަހަރެންގެ ބަރަހަނާ ފޮޓޯއެއް މީސްމީޑިއާގެ އެކި ޕޭޖުތަކުގައި ދައުރު ވަމުންދާ ވާހަކަ ބަޔަކު ބުނި ކަމަށެވެ. އަހަންނަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ދައްތަ މެދުވެރިކޮށް މަންމަ އެޕޯސްޓާއި ފޮޓޯ އަހަންނަށް ފޮނުވިއެވެ.
އެއެއްޗެހި ފެނިފައި އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. އެއީ އަހަރެން ލޯބިވެރިޔާއަށް ފޮނުވި ފޮޓޯއެވެ. ޑިލީޓު ކުރާނެ ކަމަށް އޭނާ އެރޭ ވައުދުވި ފޮޓޯއެވެ. އަހަރެންގެ ނަންބަރާއެކު އެޕޯސްޓުގައި ޖަހާފައި ވަނީ އަހަންނަކީ ހަށިވިއްކާ މީހެއް ކަމަށެވެ.
އަހަރެން ވަރަށް ބޮޑަށް ލަދުގަތެވެ. މާލޭގައި އަހަރެން ހުރީ ތިމާގެ މީހެއްގެ ގެއެއްގައި ކަމުން އެގެއިން އަހަރެން ބޭރު ކޮށްލިއެވެ. ރައްޓެއްސެއްގެ ގޭގައި މަޑު ކުރުމަށްފަހު، ދެން ކޮލެޖަށް ދާން ވެސް ލަދުން އަހަރެން ދިޔައީ ރަށަށެވެ. ނަމަވެސް ރަށުގައި މީހުން އަހަންނަށް އެއްޗެހި ގޮވަން ފެށިއެވެ. ގޭގައި އޮތްއިރު، ގޭދޮށަށް އެއްވެ އަހަރެން އެރަށުން ބޭރު ކުރަން ވެސް ގޮވާ އަޑުގަދަ ކުރިއެވެ. އެދުވަހު އަހަރެން ވަރަށް ބިރު ގަތެވެ.
އާއިލާއާއި އަހަރެންގެ ސަލާމަތަށްޓަކައި ބައްޕަ ގަސްދުކުރީ އަހަރެން ބައްޕަގެ ރައްޓެއްސެއްގެ ރަށަށް ފޮނުވާލާށެވެ. އަހަރެން ކުރި ކަމަކުން މަންމަމެން ނުރުހުން ވިޔަސް، މާފަށް އެދުމުން އަހަންނަށް މާފު ކުރިއެވެ. އަހަރެން ކުރި ކަމަކީ ގޯސް ކަމެއްކަން ވިސްނައިދީ، ދެން ދުވަހަކު ވެސް ކިތަންމެ އިތުބާރު ކުރާ މީހަކަށްވެސް އެފަދަ ފޮޓޯ ނުފޮނުވުމަށާއި އާޚިރަތަށް ބިރުވެތިވުމަށް އާއިލާއިން ވިސްނައިދިނެވެ.
އުފަން ރަށާއި އާއިލާ ދޫކޮށް ބައްޕަގެ ރައްޓެހިމީހާގެ ރަށަށް އަހަރެން ފުރައިގެން ދިޔައީ ބައްޕަގެ ދޯނީގައި ދަންވަރު ގަޑީގައެވެ. ބައްޕަގެ އެކުވެރި އެބޭބެ އަހަރެން ބަލާ ގޮސް ހުއްޓެވެ. އަދި އަހަންނަށް އެރަށުގައި އުޅެން އެހީތެރިވިއެވެ.
ދިރިއުޅުން އަލުން ހަމައަކަށް އަޅުވަން ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް ކެތްތެރިކަމާއި ހިތްވަރާއެކު އަހަންނަށް އެކަން ހާސިލު ކުރެވުނެވެ. އަހަރެން ނަމާދު ކުރަން ފެށީމެވެ. އެއީ މީހަކަށް ދެއްކޭކަށް ނޫނެވެ. އަހަރެން ނިޤާބް ވެސް އެޅީމެވެ. އަދި އެރަށުގައި އެކި މީހުންނަށް އެކި ގޮތްގޮތުން އެހީތެރިވަމުން ދިޔައީމެވެ. ވަގުތު ނެގިޔަސް، މީހުންނަށް އަހަރެންގެ މާޒީ މަތިން ހަނދާން ނުކޮށް، އަހަރެން މިހާރު ބަދަލުވެފައި ހުރިކަން ޤަބޫލު ކުރެވެން ފެށިއެވެ."