އެމެރިކާގައި އެކުރަނީ ބަގާވާތެއް: ރައީސް ނަޝީދު

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވަދެ ކުރަމުން ގެންދަނީ ބަގާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެޕިޓަލްގައި ހިނގަމުންދަނީ ބަގާވާތެއް ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
އަދި އަމިއްލަ ތަޖުރިބާގެ އަލީގައި، ބަގާވާތުގެ ސިފަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެމެރިކާގައި ހިނގަމުންދާ ކަންކަމަކީ މުޅި ދުނިޔޭގެ މިނިވަން ޑިމޮކްރަސީއަށާއި ޑިމޮކްރަޓިކް އަސާސްތަކަށް ލިބެމުންދާ ގެއްލުމެއް ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕަށް ތާއީދު ކުރާ ބަޔަކު ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފަ އެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފައެވެ.