ޚަބަރު

ސަފާރީ ރޭޕް ކޭސް: ޖީހާންގެ ފިރިކަލުންގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

26 ޖޫން 2020 ދުވަހު ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކާއެކު ގަދަކަމުން ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދްގެ ފިރިކަލުންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދެއްވައިފިއެވެ.

Ads by Sosun Fihaara

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީޢު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލ. ގަން، ތުނޑި/ ނޫރަންގެ ޢަބްދުﷲ ޝާން ގެ މައްޗަށް ތިން ދައުވާއެއް ކުރަން، 06 ޖަނަވަރީ 2021 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާއާއި،

2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއާއި،

3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.

މިއީ ރާއްޖޭގައި މަސައްކަތް ކުރި އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެކެވެ. މިމައްސަލައިގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ގޮތުގައި، އޭނާ އެރޭ ސަފާރީއަށް ދިޔައީ ރައްޓެއްސެއްގެ ދައުވަތަކަށް، ޕާޓީ ކުރާށެވެ. އެސަފާރީގައި ދެ މީހަކު އޭނާއަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރު ނުކޮށް ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށާއި މުޅި މި މައްސަލައިގައި ވެސް ފުލުހުން އަމަލުކުރި ގޮތާ މެދު ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެއަންހެންމީހާ އޮންލައިން ނޫސް "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އޭނާއަށް ގޯނާ ކުރި ދެމީހުން އެއަންހެންމީހާގެ ޖިންސީ ގުނަވަނުގައި އަތްލި ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމައިލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.

ފަހުން އެއަންހެން މީހާގެ ވަކީލުން ވިދާޅުވެފައި ވަނީ ތަހުގީގަށް މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި، ކެންޔާގެ އަންހެންމީހާ މަރައިލާނެ ކަމަށް ބިރު ދައްކައި އެ ފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތް ކޮށްފައިވާކަން ވެސް ހާމަވާން އޮތް ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އަންހެން މީހާ ވަނީ އެނބުރި ކެންޔާ އަށް ފުރާފައެވެ. އޭނާ ބުނެފައިވަނީ ރާއްޖޭގައި އޭނާއަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ސަފާރީ ކޭސްގައި ފުލުހުންގެ އަމަލުތަކާ މެދު ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!